Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ލަންކާގެ މަސްބޯޓެއް 400،000ރ. އިން ޖޫރިމަނާ

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ވަގަށް މަސްވެރިކަން ކުރި ސްރީ ލަންކާގެ ބޯޓެއް 400،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ބޮޑު އަދަދަކުން މިދިޔަ އާދީއްތަ ދުވަހު ސިވިލް ކޯޓުން ޖޫރިމަނާކުރި ބޯޓަކީ ލަންކާގެ "އަނުސްކާ ޑެސްހަން" ނަމަކަށް ކިޔާ ބޯޓެވެ. އެ ބޯޓް 2022 ގައި ރާއްޖެ ސަރަހައްދަށް ވަދެ މަސްވެރިކަން ކުރަމުން ދަނިކޮށް އަތުލައިގަތީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޝިޕް ހުރަވީން، މ. މުލީގެ އިރުން 79 ނޯޓިކަލް މޭލު ދުރުންނެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ގާނޫނުގެ ދަށުން ފިޝަރީޒް މިނިސްޓްރީގެ ނަމުގައި ދައުލަތުން އެ ބޯޓުގެ ވެރިފަރާތާ ދެކޮޅަށް ހަމަ އެ އަހަރު ވަނީ ސިވިލް ކޯޓުގައި ދައުވާކުތި އެވެ.

އެ މައްސަލައިގައި ދައުލަތުން އެދިފައި ވަނީ ބޯޓުގެ ވެރިޔާ ފަލަހަގެ ރަންޖިތު ޕްރެކުމާރާ ސިލްވާ 400،000ރ. އިން ޖޫރިމަނާކޮށް ބޯޓު ދައުލަތަށް ނެގުމަށެވެ.

ޖޫރިމަނާގެ ފައިސާ 14 ދުވަސް ތެރޭ ދައްކަން ހުކުމްކޮށްފައިވެ އެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ބޭރުގެ އަވައްޓެރި ބައެއް ގައުމުތަކުގެ މަސްބޯޓްތައް ވަދެ، ވަގަށް މަސްވެރިކަން ކުރުމަކީ އާންމު ކަމެކެވެ. މިފަދަ ހާދިސާތަކުގައި މިހާތަނަށް އެތައް ބޯޓެއް އަތުލައިގެންފައިވެ އެވެ. އަދި އެފަދަ ބޯޓްތައް މީގެ ކުރިން ވެސް ޖޫރިމަނާކޮށް، ދައުލަތަށް ނަގާފައިވެ އެވެ.