ފުވައްމުލަކުގެ އެއާޕޯޓާ ގުޅޭ ގޮތުން އެ ސިޓީގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންއާ ސިޓީ ކައުންސިލުން ހިއްސާކޮށްފި އެވެ.
ކައުންސިލުން ރައްޔިތުންގެ ޝަކުވާތައް މިނިސްޓަރާ ހިއްސާކުރީ މިނިސްޓަރު ފުވައްމުލަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މިއަދު ކައުންސިލާ އެކު ބޭއްވި ބައްދަލުވުމަ އެވެ.
ފުވައްމުލަކު ކައުންސިލުން ބުނީ އެއާޕޯޓާ ގުޅޭ ޝަކުވާތަކުގެ އިތުރުން އެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމާ ގުޅޭ އެއްބަސްވުމެއްގައި މިނިސްޓްރީއާ އެކު ސޮއި ވެސް ކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގެ ދަށުން ދެ ފަރާތުގެ ގުޅުން ހަރުދަނާކޮށް ދަތުރުފަތުރުގެ ލުއި ފަސޭހަކަން ފުވައްމުލަކުގެ ރައްޔިތުންނަށް ހޯދައި ދިނުމަށް މަސައްކަތް ކުރަން ހަމަޖެހިފައިވެ އެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ފުވައްމުލަކު އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމުގެ އިތުރުން، އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރަން މަސައްކަތްތަކެއް ކުރާނެ ކަމަށެވެ. އަދި މި މަސައްކަތްތަކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދަވާ ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ ހަރުދަނާކުރުމުގެ ތަޞައްވުރުގެ ދަށުން ކުރިއަށް ގެންދެވޭ މަސައްކަތްތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން ފުވައްމުލަކުގައި ކުރެވޭ މަސައްކަތްތަކުގެ ސަބަބުން އެ ސިޓީގެ ރައްޔިތުންނަށް ލިބޭ ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، މުޅި ސިޓީގެ ތަރައްގީ އަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފުވައްމުލަކު އެއާޕޯޓާ ގުޅޭ ޝަކުވާތަކެއް މިނިސްޓަރާ ހިއްސާކުރި އިރު، ދާދި ފަހުން ފުވައްމުލަކުގެ އެއާޕޯޓްގެ ފަޔާ ޓްރަކަށް މައްސަލައެއް ދިމާވެގެން ދެ ދުވަހަށް އެތަނުގެ އޮޕަރޭޝަން ހުއްޓުމަކަށް ވެސް އަ އެވެ. އަދި އަލުން ދަތުރުތައް ފެށީ އައްޑުން ފަޔަ ޓްރަކެއް ގެންދިއުމަށް ފަހު އެވެ.
ތަރައްގީކުރި ފަހުން މާ ބޮޑު ކުރިއެރުމެއް ނާންނަ ފުވައްމުލަކު އެއާޕޯޓް ހުޅުވީ 2011 ގަ އެވެ. އެ އެއާޕޯޓް ތަރައްގީކުރީ އެސްޓީއޯއިންނެވެ.