ފާސްނުކުރަން ނޫސްވެރިން ގޮވައިލަމިން އަންނަ މޯލްޑިވްސް މީޑިއާ އެންޑް ރެގިއުލޭޝަން ބިލަށް ވޯޓަށް އަހާ ޖަލްސާ މިއަދު ހަވީރު ބާއްވަން މަޖިލީހުގެ އިދާރާއިން ނިންމައިފި އެވެ.
ދައުރުން ބޭރުން މިއަދު ޖަލްސާއެއް ބައްވާކަން އިއްޔެ މަޖިލީހުގެ އިދާރާއިން އިއުލާންކުރި އެވެ. އަދި އެކަމާ ގުޅިގެން ނޫސްވެރިން ހެނދުނެއްސުރެން މަޖިލިސް އިދާރާގައި ކައިރީގައި މުޒާހަރާ ކުރަމުން ދިޔަ އިރު، ޖަލްސާގެ ބާއްވާނެ އިރެއް އިއުލާންކޮށްފައެއް ނުވެ އެެވެ.
އެކަމަކު މެންދުރު ފަހު 1:00 ގައިޮ މަޖިލީހުގެ އިދާރާއިން މީޑީއާކަށް ފޮނުވި މެސެޖެއްގައި ދައުރުން ބޭރުން ބާއްވާ ޖަލްސާ ހަވީރު އޮންނާނެކަން މެންބަރުންނަށް އަންގާފައިވާ ކަމަށެވެ. އެގޮތުން ހަވީރު 4:00 ގައި ޖަލްސާ ބާއްވަން ނިންމި ނަމަވެސް މިހާތަނަށް އަދި އެޖެންޑާ އާންމުކޮށްފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ޖަލްސާއެއް ބާއްވަން ތަވާލުކުރާ ވަގުތުގެ ހަ ގަޑިއިރު ކުރިން އެޖެންޑާ ފޮނުވަން ޖެހެ އެވެ.
ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން އަންނަ މީޑިއާ ބިލް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިއްޔެ ވަނީ ފާސްކޮށްފަ އެވެ. އެހެންވެ ދެން އޮތީ ތަޅުމުގައި ބިލަށް ވޯޓަށް އެހުމެވެ.
މީޑިއާ ބިލަކީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހެޅުއްވި ބިލެކެވެ.