ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ އިންޓާންޝިޕް ޕްރޮގްރާމަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނާއި ދަސްވެނިންނަށް އަމާޒުކޮށް 12 މަސްދުވަހުގެ މުއްދަތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް އެކި ދާއިރާގެ ގްރެޖުއޭޓުންނަށް ފުރުސަތު ފަހިކޮށްދީފައިވެ އެވެ. މި އަހަރު، އައިޓީ ދާއިރާއިން ތައުލީމު ހާސިލުކުރާ ދަރިވަރުންނާއި ގްރެޖުއޭޓުންނަށް ހާއްސަކޮށްފައިވާ "ޓެކް ސްޓާޓް" އިންޓަރންޝިޕް އަށްވެސް ވަނީ ހުޅުވާލައިފަ އެވެ.
އިންޓަރންޝިޕް ފުރުސަތުތަތައް:
• ގްރެޖުއޭޓް އިންޓަރންޝިޕް: 15 ބައިވެރިންނަށް – ބޭންކުގެ އެކި ޑިވިޜަންތަކުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ
• ޓެކް ސްޓާޓް އިންޓަރންޝިޕް: 10 ބައިވެރިންނަށް – ބޭންކުގެ ޓެކްނޮލޮޖީ ޑިވިޜަންގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ
މި ޕްރޮގްރާމް މެދުވެރިކޮށް ދަރިވަރުންނާއި ދަސްވެނިންނަށް އިންޓާންޝިޕް މުއްދަތުގައި ދެވޭ ތަޖުރިބާ އާއި ހުނަރު އިތުރުކުރުމަށް ބޭންކުގެ އެކިއެކި ބިޒްނަސް ޔުނިޓްތަކާއި ޑިޕާޓްމަންޓްތަކާއި ބްރާންޗްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.
މި އަހަރުގެ ގްރެޖުއޭޓް އިންޓަރންސް އަށް ކޮންމެ މަހަކު ލިބޭ އެލަވަންސް 9،000ރ. އަށް ބޮޑުކޮށްފައިވާއިރު، ޓެކް ސްޓާޓް އިންޓަރނސްއަށް މަހަކު 11،000ރ. އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ބީއެމްއެލް އިން 2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް 77 އިންޓަރންސް އަށް ތަޖުރިބާގެ ފުރުސަތު ފަހިކޮށްދީފައި ވެއެވެ. މީގެ ތެރެއިން ބައެއް އިންޓަރންސް އަށް ބޭންކުގެ ދާއިމީ ވަޒީފާގެ ފުރުސަތުވެސް ލިބިފައިވެ އެވެ.