ރައްޔިތުންގެ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތް ފިލްޒާގެ ހުށަހެޅުންތަކާއެު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގެ ކޮމިޓީ ރިޕޯޓު ފާސްކޮށްފި އެވެ.
މި ބިލު އިސްލާހުތަކަކާކު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނީ އިއްޔެ އެވެ. ނަމަވެސް ބިލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލްގެ ހުށަހެޅުންތައް ލިބިފައިވުމުން، މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވެއް މިއަދު ވަނީ ބާއްވާފަ އެވެ.
މި ބައްދަލުވުމުގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވަނީ ކައުންސެލް ޖެނެރަލްގެ ހުށަހެޅުންތަކާއެކު ކޮމިޓީ ރިޕޯޓް ފާސްކުރުމަށް ހުށަހަޅާފަ އެވެ. އެ ކޮމިޓީން އެގޮތަށް ވަނީ ފާސްކޮށްފަ އެވެ.
ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވި އެމްޑީޕީއަށް ނިސްބަތްވާ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ކައުންސެލް ޖެނެރަލްގެ ހުށަހެޅުންތައް ދިރާސާ ކުރުމަށް އިތުރު ވަގުތު ދިނުމަށް އެދިފަ އެވެ. އަދި މީކާއިލް ވަނީ ކޮމިޓީގައި އަޑުގަދަކޮށް މީޑިއާ ބިލް ފާސްކުރުމާ ދެކޮޅަށް އަޑުއުފުލާފަ އެވެ.
މި ބިލަށް ބަންޑާރަ ނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމުގެ އިސްލާހު ހިމެނެ އެވެ. އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް ނޭނގެ އެވެ.
މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.