މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ބޭރުކުރަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގޮވާލައްވައިފި އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި ހުށަހެޅި އެ ބިލު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ. އަދި މި ބިލު މަޖިލީހުން ފާސްކުރަން މިއަދު ހަވީރު 5 ޖަހާއިރު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފަ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އިބޫ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ތައްޔާރުވަމުންދާ މީޑިއާ ކޮންޓްރޯލު ބިލުގައި ގިނަ ކޮންބޮޑުވުންތަކެއް ހުރިކަން ނޫސްވެރިން މިހާރުވެސް ފާޅުކުރަމުންދާ ކަމަށެވެ.
"އަޅުގަނޑުގެ އިލްތިމާސަކީ ނޫސްވެރިންގެ އެ ކަންބޮޑުވުންތައް އަޑު އައްސަވާ މި ބިލު މަޖިލީހުން ބޭރުކޮށްދެއްވުން،" އިބޫ ވިދާޅުވި އެވެ.
މި ބިލު ފާސްކުރަން އުޅޭތީ މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން އަންނަނީ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންނެވެ.
މި ބިލަށް ބަންޑާރަ ނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމުގެ އިސްލާހު ހިމެނެ އެވެ. އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް ނޭނގެ އެވެ.
މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.