Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

ނަމާދު ނުކުރާ މީހާ އަކީ މުސްލިމެއްތަ؟

“ޤިޔާމަތް ދުވަހުން މާތް ﷲ ސުބްޙާނަހޫ ވަޠައާލާ، އެކަލާނގެއަށް ސަޖިދަ ޖެހުމަށް ހުރިހާ އަޅުތަކުންނަށް ވަޙީ ކުރައްވަވާނެ އެވެ. ނަމަވެސް މިބިންމަތީގައި އުޅުނު އިރު ނަމާދު ނުކޮށް (ނަމާދު އަޅާފައި) އުޅުނު މީސްތަކުންނަށް އެދުވަހަކުން ސަޖިދައެއް ނުޖެހޭނެ އެވެ. އަދި އެބައި މީހުންގެ މޫނުތަކަށް ބިރުވެރިކަން ވެރިވެގަނެ، ލަދުން އެބައިމީހުންގެ ހަށިގަނޑު ފޮރުވަން މަސައްކަތް ކުރާނެއެވެ.

މި ބިންމަތީގައި އުޅުނު އިރު، ނަމާދަށް އަވަސްވެ ގަތުމަށް ގޮވާލި އަޑު (އެހެނީ ބައްގީގެ އަޑު) އެބައި މީހުންނަށް ވެސް އިވުނެވެ. ނަމާދު ގާއިމް ކުރަން ދެވެން އޮތް ދުވަހު، އެބައިމީހުން ވަނީ އެ ބަންގީގެ އަޑަށް ބީރު ކަންފަތެއް ދީފައެވެ.

ދުނިޔެވީ އެހެން ކަންތައްތަކުގައި މަސްހުނިވެ އުޅުމަށްޓަކައި، އެބައިމީހުން ވަނީ މާތް ރަސްކަލާނގެ އަށް ސަޖިދަ ޖެހުމުން ދުރުވެގަންފަ އެވެ. މީގެ މާނަ އަކީ ކޮބާ ހެއްޔެވެ؟ އޭގެ މާނަ އަކީ މި ބިންމަތީގައި ދިރިއުޅޭ މަދު ދުވަސްކޮޅު ނަމާދު ނުކޮށް އުޅޭ އަޅުން ދެކެ މާތް ﷲ ކޯފާ އިސްވެ ވޮޑިގަންނަވާނެ އެވެ. އަދި އެފަދަ އަޅުންނަށް އެކަލާނގެ އަޒާބު ދެއްވާ، އާޚިރަތް ދުވަހުން ނަރަކައިގެ ވޭން ދެނިވި އަލިފާންގަނޑުގެ ތެރެއަށް އެއްލާލައްވާނެ އެވެ.

ނަރަކަވަންތަވެރީން އެންމެ ފުރަތަމަ ވެސް ނަރަކައަށް ވަންނުމުން، އެމީހުން ގާތު އަހާނެ އެވެ. ނަރަކައަށް ވަންނަން ޖެހުނީ ކީއްވެ ހެއްޔެވެ؟ ޖަވާބުގައި އެ މީހުން ބުނާނެ އެވެ. ތިމަންމެން ދުވަހަކު ވެސް ނަމާދެއް ނުކުރަމެވެ.

ދީނީ ޢިލްމުވެރިއެއް ކަމަށްވާ އިމާމް އަޙުމަދު (ރަޟިއަﷲ އަންހު) ވިދާޅުވެފައި ވަނީ ގަސްތުގައި (އެދެވިގެންވާ އުޛުރަކާއި ނުލާ) އެންމެ ނަމާދެއް ވެސް އަޅައިފި މީހަކީ ތަޤްވާވެރިއެއް ނޫނެވެ.

ތިމާ އަކީ އެލާމަކާ ނުލައި ފަތިސް ނަމާދަށް ހޭނުލެވޭނެ މީހެއްކަން އެނގި ހުރެ ވެސް، ގަސްތުގައި އެލާމް ނުޖައްސާ، ނަމާދަށް ހޭލަން މަސައްކަތް ނުކުރާ މީހަކަށް އެ ކުރެވިފައި ވަނީ ޝިރްކެކެވެ. ނަމާދަކީ އަހަރުމެންނާއި އިސްލާމްކަމާ ގުޅުވައިދޭ އެންމެ ބޮޑު ގުޅުމެވެ.

ސަޙީޙް މުސްލިމް ގައި ބަޔާން ކޮށްފައިވާ، ރަސޫލާ (ޞޢޥ) ގެ ސައްޙަ ޙަދީޘްފުޅެއްގެ މާނައިގައިވެ އެވެ. ‘މުސްލިމެއްގެ އީމާންކަމާއި އިސްލާމްކަމުން ދުރުކޮށް ޝިރްކު ކުރުމާއި ކުފްރު ވުމާއި ގާތް ވަނީ، ނަމާދު ގާއިމް ކުރުމުން ދުރުވުމުންނެވެ’

މި ޙަދީޘްފުޅު އިތުރަށް ކިޔާ ދެއްވަމުން އިމާމް ޝައުކާނީ ވިދާޅުވެފައި ވަނީ ނަމާދު ގާއިމް ނުކުރުމަކީ ބޮޑުވެގެންވާ ކުފުރެއްކަން، ޙަދީޘުން ފުރިހަމައަށް ހާމަވެގެންދާ ކަމަށާއި އެއީ ތަޤްވާވެރި ނޫން އަޅުންގެ ޢަމަލެއްކަން ވެސް ހާމަވާ ކަމަށެވެ. ނަމާދު ގާއިމު ނުކުރާ ފަރާތްތަކަކީ ކާފިރުން ކަމުގައި ބެލެވެ އެވެ. އެއީ ތަޤްވާވެރީންނެއް ނޫނެވެ. ނަމާދު ނުކުރި ނަމަވެސް އެއީ މުސްލިމެކޭ ނުބުނާށެވެ. ގަސްތުގައި ނަމާދު އަޅައިފި އެއްވެސް މީހަކަށް އެއްވެސް އުޒުރެއް ނެތެވެ.

ދެމަފިރިއެއްގެ ތެރެއިން ފިރިމީހާ ނަމާދު ނުކުރާ ނަމަ، އެ ކައިވެންޏެއް ވެސް ބާޠިލުވީއެވެ. އެއީ ނަމާދު ގާއިމް ނުކުރާ ނަމަ އެވެނީ ތަޤުވާވެރިއެއް ނޫން ކަމުގަ އެވެ. އަދި އެފަދަ މީހަކާ އެކު ކައިވެނި ސައްޙައެއް ނުވާނެ އެވެ. ނަމާދު ނުކުރާ މީހަކީ މުސްލިމެއް ނޫނެވެ.

އެހެންކަމުން ކޮންމެ ދުވަހަކުވެސް، މަދުވެގެން ފަރުޟުު ފަސް ނަމާދު ގާއިމް ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ވާޖިބު ކަމެކެވެ. އެކަމާ މެދު އެކަކު ވެސް ކަންނެތްވެގެން ނުވާނެއެވެ.

މަސްދަރު: އިލްމު.އެމްވީ