އަވަސް އަރުވާލައިގެން މީޑިއާ ބިލު ފާސްކުރުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށް ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" ފާސްކުރުމުގެ މަސައްކަތް މަޖިލީހުން ވަރަށް އަވަސް ބާރުމިނެއްގައި އަންނަނީ ކުރަމުންނެވެ.
މިކަމާ ގުޅިގެން ކުރީގެ ޕީޖީ މުއިއްޒު ވިދާޅުވީ މަޖިލީހުން ގާނޫނުތައް އެކުލަވާލުމުގައި ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭ ކަމަށާއި އަދި ކަމާގުޅޭ ފަންނީ ބޭފުޅުންނާއި، ހަބީރުންގެ ލަފަޔާއި، އެންމެހާ ސްޓޭކްހޯލްޑަރުންގެ ހިޔާލާއި މަޝްވަރާ ހޯދަންޖެހޭ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
ބިލު މިހާރު އޮތްގޮތަށް ފާސްކުރުމުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން މުއިއްޒު ވަނީ ކަމާގުޅޭ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށް އަވަސް އަރުވާލައިގެން ބިލު ފާސްކުރުމަކީ ޑިމޮކްރެޓިކް އުސޫލެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އޭގެ ބަދަލުގައި ދާއިރާގެ އިލްމުހުރި ފަރާތްތަކުގެ ހިޔާލާއި ލަފާ ހޯދައިގެން ބިލު އަލުން އެކުލަވާލަން މުއިއްޒު ވަނީ ގޮވާލާފަ އެވެ.
މި ބިލު ފާސްކުރަން އުޅޭތީ މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން އަންނަނީ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންނެވެ.
މި ބިލަށް ބަންޑާރަ ނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމުގެ އިސްލާހު ހިމެނެ އެވެ. އެ އިސްލާހުތަކާ މެދު ކޮމިޓީން ގޮތް ނިންމި ބައްދަލުވުން ކުރިން ސިއްރުކޮށްފައި ވާތީ އޭގެ ތެރެއިން ބިލުގައި ހިމަނަން ނިންމީ ކޮންކޮން އިސްލާހުތަކެއް ކަމެއް ނޭނގެ އެވެ.
މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.