ރައްޔިތުންގެ މަޖިލީހަށް މީޑިއާ ބިލު ހުށަހެޅި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރަކީ ބަތަލެއް ކަމަށް، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
މީޑިއާ ބިލުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރައްވަމުން ފަލާހު ވިދާޅުވީ މެމްބަރަކު ހަންނާނަށް ފަހުރުވެރިކަމާއެކު ޝުކުރު އަދާކުރާ ކަމަށާއި އެއީ ބަތަލެއް ކަމަށެވެ. އަދި މި ބިލަށް ރައްޔިތުންގެ 99 ޕަސެންޓު ރައްޔިތުން ތާއީދުކުރާ ކަމަށާއި މި ބިލުގައި މީހެއްގެ މައްޗަށް އަނިޔާވެރިވާނެ ވާހަކައެއް ނެތް ކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ ވައްކަމެއްކޮށްގެން އެކަން ސާބިތުވެއްޖެ ނަމަ އެ ވާހަކަ ލިޔަންވީ ކަމަށާއި އެކަމާ ގުޅިގެން ނޫސްވެރިންނަށް ފިޔަވަޅު ނާޅާނެ ކަމަށެވެ.
"އެކަމަކު އެއީ ތެދު ހަބަރެއްގެ ގޮތުގައި ގެންނަން ވާނީ، ތެދު ވާހަކައެއް ލިޔަން ވާނީ. އެ ވާހަކަ ލިޔެގެންނެއް ނޫސްވެރިއަކަށް ފިޔަވަޅެއް ނާޅާނެ މި ބިލަކުންނެއް،" ފަލާހު ވިދާޅުވި އެވެ.
މި ބިލުގެ ސަބަބުން ނޫސްވެރިންނަށް ދެ ދުނިޔޭގައި ވެސް ރައްކާތެރިކަން ލިބޭނެ ކަމަށާއި ނޫސްވެރިންނަށް ވެސް މީހުންގެ އަބުރަށް އަރައިގެން ދޮގު ހަބަރު ފެތުރުމުން ލިބޭނެ ފައިދާއެއް އަދި މޮޅެއް ވެސް ނޯންނާނެ ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި މި ބިލަށް ޕީއެންސީގެ ޕީޖީ ގްރޫޕްގެ ފުރިހަމަ ތާއީދު އޮތްކަން ވެސް ފަލާހު ހާމަކުރެއްވި އެވެ.
ބިލުގެ ކޮމިޓީ ރިޕޯޓަށް މެމްބަރުން ބަހުސްކޮށް ނިމުމުން މި ބިލު ފާސްކުރުމަށް ވޯޓަށް އަހާނެ އެވެ.
މި ބިލު ފާސްކުރަން އުޅޭތީ މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން އަންނަނީ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންނެވެ.