Last Updated: July 7, 11:00
Tuesday, July 7, 2026
ޚަބަރު

ނޫސްވެރިޔާ ލީވާން ދޫކޮށްލައިފި

ނޫސްވެރިޔާ ލީވާން:- ފޮޓޯ/ އަނޫފް ޖުނައިދު

މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" އާއި ދެކޮޅަށް އިހުތިޖާޖު ކުރަމުންދަނިކޮށް ހައްޔަރުކުރި ނޫސްވެރިޔާ ދޫކޮށްލައިފި އެވެ.

މި ބިލު ފާސްކުރަން އުޅޭތީ މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން އަންނަނީ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންނެވެ.

ބިލާއި ދެކޮޅަށް ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރީ މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ)ގެ މެންބަރު ލީވާން އަލީ ނާސިރު އެވެ. އަދަދު ނޫހުގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ލީވާން ހައްޔަރުކޮށްގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ލީވާން ދޫކޮށްލާފައިވާއިރު، މީޑިއާ ކައުންސިލުން ބުނީ ލީވާން އެ ސަރަހައްދުން ގެންދިޔުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގައި ކަން ހިނގާ ގޮތް ބެލުމަށް ދިޔަ މީޑިއާ ކައުންސިލްގެ މެންބަރަކު، ކައުންސިލްގެ ފާސް ދެއްކުމުން ވެސް، އެ ސަރަހައްދަށް ނުވައްދައި، އަދި ނުވެއްދި ސަބަބެއް ވެސް ބުނެފައި ނުވާ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

ނޫސްވެރިންގެ ރައްކާތެރިކަމާއި މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ކަންކަން ތަކުރާރު ނުކުރުމަށް މީޑިއާ ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.