Last Updated: July 7, 11:00
Tuesday, July 7, 2026
ޚަބަރު

ނޫސްވެރިކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓަން ގޮވާލައިފި

ރާއްޖޭގައި ނޫސްވެރިކަމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފެހެއްޓުމަށް، ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ގޮވާލައިފި އެވެ.

މީޑިއާ ކޮންޓްރޯލް ކުރާ ބިލު ފާސްކުރުމުން އެކްސްގައި ކުރި ޕޯސްޓެއްގައި ރާއްޖޭގައި ހުންނަ އެމެރިކާގެ އެމްބަސީ އިން ބުނީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އަސާސީ ހައްގެއްގެ ގޮތުގައި ނޫސްވެރިން ހިމެނޭ ގޮތަށް އެންމެނަށް ލިބިދިނުމަށް އެމެރިކާއިން ތާއީދު ކުރާ ކަމަށެވެ. އަދި ރާއްޖެ ހިމެނޭ ގޮތަށް ހުރިހާ ގައުމަކަށް ވެސް ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ހިފަހައްޓައި އިދިކޮޅު ފަރާތްތަކަށް ހިޔާލުތައް ފާޅުކުރުމަށް ފުރުސަތު ދޭން ވަނީ ގޮވާލައިފަ އެވެ.

މަޖިލީހުން މި ބިލު ފާސްކުރިއިރު، ބިލުގައި ކަންބޮޑުވުންތަކެއް ހުރި ކަމާއި ބިލު ދިރާސާކުރަން އިތުރަށް ވަގުތު ދިނުމަށް ކަމާގުޅޭ ގިނަ ފަރާތްތަކަކުން ދިޔައީ ގޮވާލަމުންނެވެ.

އަދި މި ބިލު ފާސްކުރަން އުޅޭތީ މިއަދު ހެނދުނުން ފެށިގެން ނޫސްވެރިންނާއި އާންމުން ދިޔައީ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަމުންނެވެ.

މި ބިލު ފާސްކޮށްފައިވަނީ ބައެއް އިސްލާހުތަކާއެކު އެވެ. ބަންޑާރަ ނައިބުގެ އޮފީހުން ގިނަ އިސްލާހުތަކެއް ހުށަހަޅާފައިވެ އެވެ. އޭގެތެރޭގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭގޮތަށް އޮތް މާއްދާ އުނިކުރުމުގެ އިސްލާހު ވެސް ހިމެނެ އެވެ.

މީޑިއާ ބިލު ބޭރުކޮށްލަން އެެދި 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާއެކު ރައީސް ޑރ. މުހައްމަދު މުއިއްޒާއި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައިވެ އެވެ.