Last Updated: July 7, 10:54
Tuesday, July 7, 2026
ޚަބަރު

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުގެ ބިލު ތަސްދީގުކޮށްފި

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބިލު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުން މި ބިލު ފާސްކުރީ ދައުރުން ބޭރުގައި އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގަ އެވެ. މި ބިލުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ އެންމެހައި އުސޫލުތައް ވަނީ ބަޔާންކޮށްފަ އެވެ.

މި ބިލުގައި ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް، ރައްޔިތުންގެ މަޖިލީހަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް، ރައީސުލްޖުމްހޫރިއްޔާއަށް ނިންމިދާނެކަމަށް ވަނީ ބަޔާންކޮށްފަ އެވެ.

މި ބިލުގައި ޤާނޫނުއަސާސީގައި ބަޔާންކުރާ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގޭނެ ހާލަތްތަކާއި، އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި، ޒިންމާތަކާއި، އެ ވޯޓު ނެގުމުގައި އިލެކްޝަންސް ކޮމިޝަނުން ޢަމަލުކުރާނެ އުސޫލުތަކާއި، އެނޫނަސް އެ ވޯޓު ނެގުމާގުޅޭ އެންމެހައި އުސޫލުތައް ބަޔާންކޮށްފައިވެ އެވެ.

މި ބިލު ތަސްދީޤުކުރެއްވުމުން މި ޤާނޫނަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފަ އެވެ.