މަސްތުވާތަކެއްޗާ ދެކޮޅަށް ކ. ކާށިދޫގައި ކުރިއަށްގެންދާ ހާއްސަ އޮޕަރޭޝަނުގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަނުގެ ތެރެއިން، ކާށިދޫގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މީހުން އަދި ތަންތަން ބަލައިފާސްކޮށްފައިވާ ކަމަށާއި އެގޮތުން، ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކާ ކަމަށް ތުހުމަތުކުރެވޭ ތިން ތަނެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށެވެ.
އަދި ކާށިދޫއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އަދި ބޭނުންކުރާކަމުގެ ތުހުމަތުގައި ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.
މާލެއިން ކާށިދޫއަށް މަސްތުވާތަކެތި އެތެރެެކުރާ ކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ މާލެ / މ. ނަލަހިޔާމަންޒިލް، ޙަސަން މުނާޒް (40އ) އާއި މާލެ / މ. ބިންއުނިމާގެ، އިބްރާހީމް ޒައިދު (46އ) އެވެ. އެ ރަށު މަގުމަތިން މި ދެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި މި ތަކެތީގެ ވަގުތީ ބަރުދަނަކީ 9.27 ގުރާމް ހުރި ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.