Last Updated: July 7, 10:54
Tuesday, July 7, 2026
ކުޅިވަރު

ރެއާލާއި އާސެނަލް ޗެމްޕިއަންސް ލީގު ފެށީ މޮޅަކުން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ރެއާލް މެޑްރިޑާއި އާސެނަލް މޮޅުވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ރެއާލް އަމިއްލަ ދަނޑުގައި މޮޅުވީ ފްރާންސްގެ މާސޭއާ ބައްދަލުކޮށް 2-1 އިންނެވެ.

މި މެޗުގެ 22 ވަނަ މިނެޓްގައި ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ މާސޭއިންނެވެ. މޭސަން ގްރީންވުޑް ދިން ޕާހަކުން މެޗުގެ 22 ވަނަ މިނެޓްގައި މި ގޯލު ކާމިޔާބުކޮށްދިނީ ޓިމޮތީ ވެއާ އެވެ. ނަމަވެސް އޭގެ ފަސް މިނެޓް ފަހުން ރެއާލަށް ލިބުނު ޕެނަލްޓީއަކުން ކިލިއަން އެމްބާޕޭ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މިއީ މާސޭގެ އޭރިއާ ތެރެއިން ރޮޑްރިގޯ އަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.

ފުރަތަމަ ހާފުގައި ރެއާލަށް ލީޑު ނަގަން ރަނގަޅު ފުރުސަތުތަކެއް ލިބުނުއިރު، އެޓީމުން ފޮނުވާލި ހަމަލާތައް ދިފާއުކުރުމުގައި މާސޭގެ ކީޕަރު ރުއީގެ ހުޝިޔާރުކަން ވަނީ ފެނިގެން ގޮސްފަ އެވެ. މެޗުގެ 72 ވަނަ މިނެޓްގައި ޑެނީ ކަވަހާލް އަށް ދެއްކި ރަތްކާޑާއެކު 10 ކުޅުންތެރިންނާއެކު ކުޅުނު ރެއާލް މޮޅުވި ގޯލު މެޗުގެ 81 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ވެސް އެމްބާޕޭ އެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން އާސެނަލް މޮޅުވީ އެތްލެޓިކް ކްލަބްއާ ބައްދަލުކޮށް 2-0 އިންނެވެ. އާސެނަލްގެ ދެ ގޯލުވެސް މި މެޗުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ކުޅެން އެރި ދެ ކުޅުންތެރިން ކަމަށްވާ ގެބްރިއަލް މާޓިނެއްލީ ލިއަންޑްރޯ ޓްރޮސާޑް އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ޓޮޓެންހަމުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ވިޔަރެއާލް ބަލިކޮށްފަ އެވެ. ޔުވެންޓަސް އާއި ބްރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި ފޯރިގަދަ މެޗު 4-4 އިން އެއްވަރުވިއިރު، ގަރަބާގް އިން ވަނީ 3-2 އިން ބެންފީކާގެ މައްޗަށް ކުރި ހޯދައިފަ އެވެ.