Last Updated: June 7, 13:32
Sunday, June 7, 2026
ޚަބަރު

ކުނި ނައްތާލަން ހާއްސަ ފެސިލިޓީއެއް ކުޅުދުއްފުއްޓަށް

ރައްކާތެރި ގޮތުގައި ކުނި ނައްތާލަން ހާއްސަ ފެސިލިޓީއެެއް ކުޅުދުއްފުށީގައި ހުޅުވައިފި އެވެ.

މިއީ މޯލްޑިވްސް އޯތެންޓިކް ކްރާފްޓްސް ކޯޕަރޭޓިވް ސޮސައިޓީން ކުޅުދުއްފުށީ ސިޓީގައި ހުޅުވި ތަނެކެވެ.

ފެސިލިޓީ ހުޅުވަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުވައި ދެއްވީ ސައުތު އޭޝިއާ ކޯޕަރޭޓިވް އެންވަޔަރަންމަންޓް ޕްރޮގްރާމް (ސަކެޕް) ގެ ޑިރެކްޓަ ޖެނެރަލް ނޯބޫ ވަންޗުކް އެވެ.

ސަކެޕްގެ ޕްލާސްޓިކް ފްރީ ރިވަރސް އެންޑް ސީސް (ޕްލީޒް) ޕްރޮޖެކްޓުގެ ދަށުން ކުޅުދުއްފުށީގައި ގާއިމުކުރެވި މި މެޓީރިއަލް ރިކަވަރީ ފެސިލިޓީ އަކީ މޯލްޑިވްސް އޮތެންޓިކް ކްރާފްޓްސް އާއި މެކްސް އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި، ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގުޅިގެން ކުރިއަށް ގެންދިޔަ މުހިންމު މަޝްރޫއެކެވެ.

ފެސިލިޓީގެ މަސައްކަތްތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ މެކްސް އާއި ކުޅުދުއްފުށީ ކައުންސިލާއި ވެމްކޯއާ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން، ވެމްކޯއިންނެވެ.

މި ފެސިލިޓީ އަކީ ޕްލާސްޓިކް ކުނިން ލިބޭ ގެއްލުމުން، ކުޅުދުއްފުށީގެ ރައްޔިތުންނާއި ވަށައިގެންވާ ކަނޑު ފަޅު ރައްކާތެރިކުރި މަށް ފެސިލިޓީއެކެވެ. އަދި މިއީ ރާއްޖޭގައި ރައްކާތެރި ގޮތުގައި ކުނި މެނޭޖްކުރުމަށް ހުޅުވި މިފަދަ ފުރަތަމަ ފެސިލިޓީ ވެސް މެ އެވެ.

ފެސިލިޓީގައި ކުނި ބޭލްކުރުމަށް ދެ ބޭލިން މެޝިންގެ އިތުރުން ހައިޑްރޯލިކް ޕެލެޓް ސްޓެކާއާއި ހައިޑްރޯލިކް ޕެލެޓް ޓްރަކް ފަދަ އިކުއިޕްމަންޓާއި މުވައްޒަފުންނަށް މަސައްކަތުގައި ބޭނުންވާ ސަލާމަތީ އިކުއިޕްމަންޓް ވެސް ގާއިމުކޮށްފައިވެ އެވެ. އަދި އެތަނުގައި އޮފީހަކާއި، ޕޭންޓްރީއަކާއި އަދި ނަމާދު ކޮޓަރިއެއްގެ އިތުރުން ކުނިއުފުލުމަށް އެހީތެރިވެ ދިނުމަށް ހަތަރު ރަށު ޕިކަޕު ވެސް އޮންނާނެ އެވެ.

ފެސިލިޓީ ހިންގުމަށްޓަކައި ބޭނުންވާ ތަމްރީނު ވެމްކޯގެ މުއައްޒަފުންނަށް ދީފައިވެ އެވެ.