މީޑިއާތައް ކޮންޓްރޯލްކޮށް ކުރުމުހެ ބޭނުމުގައި ރައްޔިތުންގެ މަޖިލީހިން އިއްޔެ ފާސްކުރި ބިލު ތަސްދީގު ނުކުރަން އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އެ ޕާޓީން ނެރުނު ބަޔާނުގައި ވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވުނު 7 ވަނަ ޖަލްސާގައި ފާސްކުރި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން' ގެ ބިލް ފާސްކުރި ފާސްކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
އަދާލަތުން ބުނީ އިސްލާހުތަކަކާއެކު މި ބިލު ކުރިޔަސް މިއީ މިނިވަން ނޫސްވެރިކަން ހުއްޓުވުމަށް މަގުފަހިވާ ގޮތަށް އެކުލަވާލެވިފައިވާ ބިލެއް ކަމަށާއި މި ބިލުގެ ދަށުން މީޑިއާތައް ކޮންޓްރޯލް ކުރުމަށް ރައީސުލްޖުމްހޫރިއްޔާއަށާއި މަޖިލީހަށް ވަރަށް ބޮޑެތި ބާރުތަކެއް ލިބިގެން ދާނެ ކަމަށެވެ.
އަދާލަތު ޕާޓީން ޕާޓީން ބުނީ ބިލުގެ ދަށުން އުފެދޭ ކޮމިޝަނުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ތިން މެންބަރުން ހިމެނުމާއި، މީޑިއާތަކުން އިންތިޚާބުކުރާ މެންބަރުން މަޖިލީހުގެ އިތުބާރު ނެތްކަމުގެ ވޯޓަކުން ވަކި ކުރެވޭ ގޮތަށް އޮތުމަކީ، މި ކޮމިޝަން ސަރުކާރުގެ ބާރުގެ ދަށަށް ގެނައުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.
އަފި ވަކިން ޚާއްސަކޮށް އެ ކޮމިޝަނަށް ލިބިދޭ ފުޅާ ބާރުތަކާ މެދު އިންތިހާ އަށް ކަންބޮޑުވާ ކަމަށް ވެސް އަދާލަތުން ބުންޏެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާ ރެގިއުލޭޓްކުރުމުގެ ބާރާއި، ތެދު ޚަބަރާއި އާންމު މަސްލަހަތު ގެއްލޭ ފަދަ މަޢުލޫމާތު ކަނޑައެޅުމުގެ ބާރު، އަދި މީޑިއާތަކަށް އަދަބު ކަނޑައެޅުމާއި ބަންދުކުރުމުގެ ބާރު ހިމެނޭކަން ފާހަގަކޮށްފައވެ އެވެ.
އަދާލަތުގެ ބަޔާނުގައި ބުނީ މިފަދަ ބިލެއް އަވަސް އަރުވާލައިގެން، ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވައިގެން ފާސްކުރުމަކީ ސަރުކާރުގެ ނުބައި ނިޔަތް ހާމަވެގެންދާ ކަމެއް ކަމަށާއި މިފަދަ ހައްސާސް ބިލެއް އެކަށީގެންވާ ދިރާސާތަކެއް ނުކޮށް، ކަމާބެހޭ ފަރާތްތަކުގެ ޚިޔާލު ނުހޯދައި ފާސްކުރުމަކީ ދީމިޤްރާތީ އުސޫލުތަކާ ޚިލާފު ކަމެއް ކަމަށެވެ.
އެހެންވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެ މި ބިލު ތަސްދީގު ނުކުރައްވައި އަލުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލެއްވުމަށް އަދާލަތު ޕާޓީން ގޮވާލާފައިވެ އެވެ.
އެ ޕާޓީން ބުނީ މީޑިއާގެ މިނިވަންކަމާއި ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި އަދާލަތު ޕާޓީން ދެމިއޮންނާނެކަމުގެ ޔަގީކަންދޭ ކަމަށެވެ.