ރާއްޖޭގައި އިއްޔެ ފާސްކުރި މީޑިއާ ބިލާ ގުޅިގެން ދިވެހި ނޫސްވެރިންނާ އެކު ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން އަވައްޓެރި ސްރީ ލަންކާގެ ނޫސްވެރިން، އެ ގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީ ކައިރީގައި މިއަދު އިހުތިޖާޖު ކުރަން ނިންމައިފި އެވެ.
ލަންކާ ނޫސްވެރިންގެ މި ހަރަކާތް ފަށާނީ އެ ގައުމުގެ ގަޑިން މެންދުރު ފަހު 3:00 ގަ އެވެ.
އެ އިހުތިތާޖުގައި ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ތާއީދުކުރާ ލަންކާގެ އާންމު ރައްޔިތުން ވެސް ބައިވެރިވާން ދައުވަތު ދީފައިވެ އެވެ.
ލަންކާގެ ނޫސްވެރިން އިންތިޒާމުކުރާ އިހުތިޖާތަކީ ރާއްޖޭގެ ނޫސްވެރިންނާ އެކު އެއްބައިވަންތަކަން ފާޅުކޮށް، މިނިވަން މީޑިއާ ދެމެހެއްޓުމަށް އަޑުއުފުލުމެވެ.
މުޒާހަރާ އިންތިޒާމުކުރާ ފަރާތްތަކުން ބުނީ ރާއްޖޭގެ އިއްޔެ ފާސްކުތި މީޑިއާ ބިލަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އަޅާނެ ބިލެެއް ކަމަށާއި އޭގެ ސަބަބުން ހިޔާލު ފާޅުކުރުމުގެ މިނިވަން ގެއްލޭނެ ކަމަށެވެ.
ލަންކާގެ ނޫސްވެރިންންގެ އިހުތިޖާހުގައި ގޮވައިލާނީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތް ކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމަށެވެ. އެހެންވެ އެ ބިލާ ދެކޮޅަށް ސުލްހަވެރިކަމާ އެކު އަޑުއުފުލުމަށް ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެދިފައިވެ އެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރީ ނޫސްވެރިންނާއި އާންމުން ވެސް އެ ބިލާ ދެކޮޅަށް އަޑު އުފުލަމުން ދަނިކޮށެވެ. އަދި އެ ބިލު ތަސްދީގު ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒަށް އެކި ފަރާތްތަކުން އަންނަނީ ގޮވައިލަމުންނެވެ.