އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ވާހަކަ ކިޔައިދޭ ބައޮގްރަފިކަލް ޑްރާމާއެއް ހަދަން އަނެއްކާ ވެސް ނިންމައިފި އެވެ.
މިކަން އިއުލާންކޮށް އޭގެ ފަސްޓްލުކް ޕޯސްޓަރު ދައްކައިލީ މިއަދު ފާހަގަކުރާ މޯދީގެ 75 ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ.
"މާ ވަންދޭ: ދި އެންތަމް އޮފް އަ މަދާ" ގެ ނަން ދީފައިވާ މި ފިލްމަކީ އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީން އިއުލާންކުރި ޕްރޮޖެކްޓެކެވެ.
ފިލްމުގައި މޯދީގެ ރޯލު ކުޅެން ނަގާފައި ވަނީ އުމުރުން 37 އަހަރުގެ މަލަޔާޅަމް އެކްޓަރު އުއްނި މުކުންދަން އެވެ. "މާ ވަންދޭ" އަކީ ވީރު ރެޑީ ޕްރޮޑިއުސްކޮށް، ކްރަންތީ ކުމާރު ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެވެ.
މީގައި މޯދީގެ ޒާތީ ދިރިއުޅުމާއި ސިޔާސީ ކެރިއަރާ އެކު އޭނަގެ ހަޔާތުގެ ގިނަ އުސްއަލިތަކަށް އަލިއަޅުވާނެ އެވެ. ވަކިން ހާއްސަކޮށް މޯދީ، އޭނަގެ މަންމައާ ބޭއްވި ގާތް ގުޅުން "މާ ވަންދޭ" ގައި ދައްކުވައި ދޭނެ އެވެ.
ވެރިކަމުގެ ތިން ވަނަ ދައުރެއް މިހާރު ފުރުއްވަމުން ގެންދަވާ މޯދީގެ ވާހަކަ މީގެ ކުރިން ވެސް ފިލްމަކުން ކިޔައި ދީފައިވެ އެވެ. އެއީ ބޮލީވުޑްގެ ތަރި، ވިވެކް އޮބެރޯއީ، މޯދީގެ ރޯލު ކުޅުނު ޑައިރެކްޓަރު އޮމަންގް ކުމާރުގެ 2019 ގެ "ޕީއެމް ނަރެންދުރަ މޯދީ" އެވެ.
އެ ފިލްމަކީ ބެލުންތެރިންގެ މާ ބޮޑު ތަރުހީބެއް ލިބުނު ފިލްމެއް ނޫނެވެ.