އަންހެން ފުލުހުންނަކީ ފުލުހުންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއަރުވައި، އަދި މުޖުތަމައަށް ފޯރުކޮށް ދެމުން އަންނަ ހިދުމަތުގައި މުހިންމު ދައުރެއް އާދަކުރާ ބައެއް ކަމަށް ޕޮލިސް ކޮމިޝަނަރު އިސްމާއީލް ނަވީން ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ މޯލްޑިވްސް ވިމަން އިން ޕޮލިސިން ދުވަހު އާންމުކުރެއްވި ހިތޯބެއްގައި ސީޕީ ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތުގައި އަންހެނުން އަދާކުރާ ދައުރާއި ވަމުންދާ ގުރުބާނީ ފަހުރުވެރިކަމާ އެކު ފާހަގަ ކުރައްވާ ކަމަށެވެ.
"އެކަނބަލުންގެ އިހުލާސްތެރިކަމާއި، ހިތްވަރާއި، ޕްރޮފެޝަނަލްކަން އަޅުގަނޑުމެންގެ މުއައްސަސާ ހަރުދަނާކޮށް ކުރިއަރުވައި، އަދި މުޖުތަމައަށް ފޯރުކޮށްދެމުން ދާ ހިދުމަތުގައި މުހިންމު ދައުރެއް އާދަކުރޭ." އޭނަ ވިދާޅުވި އެވެ.
ނަވީން ވިދާޅުވީ ފުލުހުންގެ ޚިދުމަތުގެ ހުރިހާ ދާއިރާއެއްގައި ވެސް މުހިންމު ދައުރެއް އަންހެނުން އަދާކުރަމުން އަންނަ އިރު، ފްރަންޓްލައިން ޑިއުޓީތަކުން ފެށިގެން ލީޑަޝިޕާ ހަމައަށް، މުޖުތަމައާ ގުޅުން ބަދަހިކުރުމުން ފެށިގެން ހާއްސަ ތަހުގީގުތަކާ ހަމައަށް ބެލިޔަަސް އަންހެން ހިދުމަތްތެރިންގެ ފެނިގެން ދާނެ ކަމަށެވެ. އަދި އަންހެނުން ފުލުހުންގެ ޚިދުމަތުގައި ދެމިތިބުމަކީ އެ ހިދުމަތުގައި އަންހެނުން އަދާކުރަމުން އަންނަ ދައުރަށް އިހުތިރާމްކޮށް، އަންހެނުން ބާރުވެރިކޮށް، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ދިނުމަށް ކުރަމުން އަންނަ މަސައްކަތްތައް ވެސް ދައްކުވައިދޭ ކަމެއް ކަމަށް ސީޕީ ވިދާޅުވި އެވެ.
"ހަމަހަމަ ފުރުސަތުތައް ފޯރުކޮށް ދިނުމަށާއި، އަންހެން އޮފިސަރުން ބާރުވެރިކުރުވުމަށާއި، އަދި ލީޑަރުންނާއި ރޯލް މޮޑެލުންގެ ގޮތުގައި އެ ކަނބަލުންގެ ކުރިއެރުމަށް އެހީތެރިވެދިނުމަށް އަޒުމު އާ ކުރަން،" އޭނަ ވިދާޅުވި އެވެ. "ދިވެހި ފުލުހުންގެ ޚިދުމަތުގެ ކާމިޔާބީ ބިނާވެފައި ވަނީ ހިދުމަތުގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންގެ މައްޗަށް."
ސީޕީ ވިދާޅުވީ އެކަން އެހެން އޮތް އިރު ރައްކާތެރިކަމާއި އަދުލު އިންސާފާއި ރައްޔިތުންގެ އިތުބާރު ލިބިފައިވާ މުއައްސާއަކަށް ފުލުހުންގެ މުއައްސާ ހެދުމުގެ ލަނޑުދަނޑިއަށް ވާސިލްވުމަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގައި ކަނބަލުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަން ނުކުރެވޭހާ ބޮޑު ކަމަށެވެ.