އައްޑޫގެ ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކައުންސިލާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެެއްބަސްވުމުގައި ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން އައްޑު އަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ކައުންސިލާ އެކު ބޭއްވި ބައްދަލުވުމުގެ ތެރޭގަ އެވެ.
އެ ބައްދަލުވުމުގައި އައްޑޫގައި ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށް، ދެ ފަރާތް ގުޅިގެން މަސައްކަތް ކުރަން ވެސް މަޝްވަރާކޮށްފައިވެ އެވެ.
އައްޑު އަކީ އެއާޕޯޓެއްގެ އިތުރުން ފެރީ އާއި ބަހުގެ ހިދުމަތް ވެސް ދެމުން އަންނަ ސިޓީއެކެވެ. އައްޑޫގެ ފެެރީގެ ހިދުމަތަކީ އެ ސިޓީގެ ވަކިން އޮންނަ ހުޅުމީދޫ، ފޭދު އާއި ހިތަދުއާ ގުޅުވައިލަދޭ ނިޒާމެކެވެ. އަދި އެ ހިދުމަތް އެންމެ ދެކުނުގެ އަނެއް ތިން އަތޮޅު ކަމަށްވާ ފުވައްމުލަކާއި ގދ އާއި ތިނަދޫ ހިމެނޭ ހުވަދޫ އަތޮޅާ ވެސް ގުޅުވާލާފައިވެ އެވެ.
ޓްރާންސްޕޯޓް މިނިސްޓަރު އައްޑު އަށް ވަޑައިގެންނެވި އިރު، އައްޑޫ ގަން އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއެއް ވެސް ކުރިއަށް ދެ އެވެ. އިންޑިއާގެ ރެނާޓަސްއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ފެށި އެ މަޝްރޫއުގެ ބޮޑެތި ވަރަށް ގިނަ މަސައްކަތްތަކެއް މިހާރު ވަނީ ނިމިފަ އެވެ.
މިނިސްޓަރ މުޙައްމަދު އަމީން ވަނީ އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި އައްޑޫގައި ދަތުރުފަތުރުގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ. މި ބައްދަލުވުމުގައި ދަތުރުފަތުރުގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކުރުމަށް މިނިސްޓްރީއާއި ކައުންސިލާ… pic.twitter.com/n2ZSs1qIto
— Ministry of Transport and Civil Aviation (@MoTCAmv) September 17, 2025
މި އެއާޕޯޓް ތަރައްގީއާ އެކު އައްޑު އަށް ދަތުރުކުރާ ބޭރުގެ އެއާލައިންތައް އިތުރުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ. މިހާތު ގަމަށް ޝެޑިއުލް ދަތުރުތައް ބާއްވާ ހަމައެކަނި ބޭރުގެ އެއާލައިނަކީ ސްރީ ލަންކަން އެއާލައިންސެވެ. އަދި ގަމަށް ދަތުރުތައް ބާއްވާ ރާއްޖޭގެ ހަމައެކަނި އެއާލައިނަކީ ގައުމީ އެއާލައިން، މޯލްޑިވިއަން އެވެ.
އައްޑޫގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ޓެކްސީގެ ހިދުމަތަކީ ވެސް ފުޅާކޮށް ދެމުން އަންނަ ހިދުމަތެކެވެ. ނަމަވެސް ދިނުމުގައި މިހާތަނަށް ހަރުދަނާ އުސޫލެއް ގާއިމުވެފައި ނެތުމުގެ ޝަކުވާ އާންމުންގެ ތެރޭގައި ބޮޑެވެ.
އައްޑު އަކީ ސަރުކާރުން ފަށަން ނިންމާފައި އޮތް ޓެކްސީ ލައިންގެ ތެރެއިން ހިދުމަތް ދޭން ނިންމާފައި އޮތް ސިޓީއެކެވެ.