ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ޕާލަމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު، ހުޅުމާލޭން 28 މިލިއަން ރުފިޔާއަށް ބިމެއް ބައްލަވައިގެންފި އެވެ.
ފަލާހްގެ މި ބިން، ސިވިލް ކޯޓުގެ ހުކުމަކުން މިއަދު ވަނީ މިލްކުވެރިކަން ހޯއްދަވާފަ އެވެ. ސިވިލް ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ، 28،782،000 ރުފިޔާއަށް ފަލާހް، ހުޅުމާލޭ ދެވަނަ ފިޔަވަހިން 3250 އަކަފޫޓުގެ ބިމެއް ބައްލަވައިގެންފައިވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާންތައް ދާދިފަހުން އާންމުކޮށްފައިވާއިރު، ފަލާހުއަށް އަހަރެއްގެ ތެރޭގައި އާމްދަނީގެ ގޮތުގައި ފަސް މިލިއަން ރުފިޔާ ލިބިފައިވާކަން ވަނީ ހާމަވެފަ އެވެ.
ފަލާހުގެ މާލީ ބަޔާނުގައިވާ ގޮތުން 2024 މެއި 28 އިން 2025 މެއި 27 ގެ ނިޔަލަށް މަޖިލީހުގެ މުސާރައިގެ ގޮތުގައި 990،000ރ. ލިބިފައިވާއިރު ކުންފުނިން ލިބޭ މުސާރައިގެ ގޮތުގައި މި މުއްދަތުގައި ފަލާހުއަށް 900،000ރ. ލިބިފައިވެ އެވެ. އަދި ގެދޮރު ކުއްޔަށްދީގެން ކުލީގެ ގޮތުގައި 3،276،000ރ. ވަނީ ލިބިފަ އެވެ.
ފަލާހުގެ ނަންމަތީގައި އޮންނަ ހަ ބޭންކު އެކައުންޓެއްގައި ޖުމްލަ 111،074ރ. އާއި 301 ޑޮލަރު ހުރިކަމަށް މާލީ ބަޔާނުގައިވެ އެވެ.