Last Updated: July 7, 07:55
Tuesday, July 7, 2026
ޚަބަރު

ހިތަށް އަންނަހާ އެއްޗެއް ލިޔުމަކީ ކުރެވޭނެ ކަމެއް ނޫން

ހިތަށް އަންނަހާ ކޮންމެ އެއްޗެއް ހަގީގަތެއް ބެލުމެއް ނެތި ލިޔުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އިސްލާމް ދީން ފޮނުއްވި މައިގަނޑު ފަސްކަމެއްގެ ތެރެއިން އެއްކަމަކީ، އަބުރު ރައްކާތެރިކުރުން ކަމަށާއި ކޮންމެ މީހަކީވެސް ކަރާމާތެއް ލިބިގެންވާ، ޢިއްޒަތެއް ލިބިގެންވާ، އަބުރެއް ލިބިގެންވާ ފަރާތެއް ކަމަށެވެ. އަބުރު ރައްކާތެރި ކުރުމަކީ ކޮންމެ މީހެއްގެވެސް ޙައްޤެއް ކަމަށާއި އެއީ ކޮންމެހެން ބަހުސެއް ވެސް ކުރަން އޮތް ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

"ހަމަ ހިތަށް އަންނަހާ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި، އޭގެ ޙަޤީޤަތެއް ބެލުމެއްނެތި، އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ބަލާފައި ލިޔުމަކީ، އަޅުގަނޑު ހިތުން އިންސާނަކަށްވީތީވެސް ކުރެވޭނެ ކަމެއްނޫން. އިސްލާމްދީނުގައި މި އޮންނަނީ އަބުރު ރައްކާތެރިކުރާށޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ހަމަތަކާއި، އުސޫލުތަކުގެ ތެރެއިން ބޭނުން ވާހަކައެއް ދެއްކޭނެ ކަމަށެވެ. އަދި ތެދު ޙަޤީޤަތާ އެއްގޮތަށް ހަމަ ކޮންމެ ވާހަކައެއްވެސް ދެއްކޭނެ ކަމަށާއި އަދި ކޮންމެ އެއްޗެއްވެސް ލިޔެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޮންމެ ކަހަލަ ކޮންޓެންޓެއްވެސް ކުރިއޭޓް ކުރެވޭނެ. ތެދު ޙަޤީޤަތާ އެއްގޮތަށް. އެހެންވީމާ، އެކަން ކުރާށޭ. އޭގެ ބަދަލުގައި، އެއްވެސް ބެލުމެއްނެތި، ތެދު ޙަޤީޤަތެއް ނެތް ދޮގުވާހަކަތައް ފެތުރުން އެއީކީ އަޅުގަނޑު ހިތުން ހަމަ ޔަޤީނުންވެސް މި ރާއްޖޭގެ ރައްޔިތުން ބޭނުންވާކަމެއްނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވިއިރު، މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މީޑީއާ ކޮންޓްރޯލްކުރާ ބިލް" މަޖިލީހުން ރޭ ވަނީ ފާސްކޮށްފަ އެވެ. ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މި ބިލު ފާސްކުރީ 60 މެމްބަރުންގެ ވޯޓާއެކު އެވެ.

މި ބިލާއި މެދު ނޫސްވެރިންނާއި އަދި ބައެއް ޖަމިއްޔާތަކުގެ ކަންބޮޑުވުންތަކެއް ހުރިއިރު، މި ބިލު ތަސްދީގު ނުކުރައްވަން ރައީސް މުއިއްޒަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން މިއަދު ވަނީ ގޮވާލާފަ އެވެ.