މިދިޔަ އަހަރުގެ ރޯދަ މަހު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި އަލް-މަޝްއަރު ޓުއާސްގެ ވެރިޔާ އަލީ ފާރިޝް ތިން އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ.
އެ މައްސަލައި އޭނަގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރީ މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.
ފާރިޝްގެ މައްޗަށް ކުރި ދައުވާ ސާބިތުވެ، އޭނާ ތިން އަހަރާއި ދެ މަސް ދުވަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މިއަދެވެ.
އޭނަގެ މައްޗަށް ދައުވާކުރީ ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށް އެ ކުންފުނިން އޭސް އޭވިއޭޝަން ސާވިސް އާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ރިޓާން ޓިކެޓުގެ ބުކިން ހެދުމަށް ފަހު، ފައިސާ ނުދައްކައި އިހުމާލުވި މައްސަލައިގައެވެ.
ހުކުމްގައި ބަޔާންކުރާ ގޮތުގައި، ސްރީ ލަންކަން އެއާލައިނާއި ގަތަރު އެއާލައިނުން 48 މީހުންގެ ޓިކެޓު ނަގާފައިވާއިރު، ފާރިޝް އެދިގެން ބުކްކުރި ޓިކެޓުތަކުގެ ތެރެއިން ރިޓާން ޓިކެޓުތައް ކެންސަލްކުރަން ޖެހުމުން، އެ މައްސަލައިގައި ގެއްލުން ލިބުނު މީހުންނަށް ކެންސަލޭޝަން ފީއެއް ވެސް އެއާލައިނަށް ދައްކަން ޖެހުނެވެ.
މީގެ އިތުރުން އެއާލައިނަށް ދައްކަން ޖެހޭ ޓިކެޓުގެ އަގު ވެސް އޭނާ ދައްކާފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
ދައުވާގައި ބަޔާންކުރާ މުއާމަލާތާ ގުޅިގެން އޭސް އޭވިއޭޝަނާއި އޭސް ޓްރެވެލް އަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 26،350.32 ޑޮލަރު ނުވަތަ 406،321ރ. އެ ކުންފުންޏަށް ދެ އަހަރުގެ ތެރޭގައި ދެއްކުމަށް ވެސް ހުކުމްކޮށްފައިވެ އެވެ.