Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗަށް 340 ބައިވެރިން

ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗަށް 340 ބައިވެރިން ނަގައި، އެ ބެޗްގެ ބައިވެރިން މިއަދު ތަމްރީނަށް މާފިލާފުއްޓަށް ފުރައިފި އެވެ.

ޑިފެންސް މިނިސްޓްރީން ބުނީ ބައިވެރިން އެ ރަށުގައި ތިން މަސް ދުވަހުގެ ތަމްރީނުތައް ފުރިހަމަ ކުރާނެ ކަމަށެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗަށް ބައިވެރިން ނެގީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލެ އާއި ހއ. ދިއްދު އާއި ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ނ. މަނަދު އާއި ރ. އުނގޫފާރާއި އދ. މަހިބަދު އާއި ފ. ނިލަންދު އާއި ތ. ވޭމަންޑު އާއި ލ. ގަމާއި އައްޑޫގައި އިންޓަވިއުތަކެއް ބާއްވައި ސްކްރީނިން މަރުހަލާއަކަށް ފަހު އެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސް ނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފަށަން ނިންމި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗަށް ކުރިމަތިލާން ހުޅުވައިލުމުން 1،244 ޒުވާނުން ކުރިމަތިލި އެވެ.