ނަބިއްޔާ صلى الله عليه وسلم ނިސްބަތްކުރައްވާ އަނަސް ބުން މާލިކު رضي الله عنه ވިދާޅުވިއެވެ. (إنَّ مِنْ أَمَارَاتِ السَّاعَةِ…مَوْتُ الْفَجْأَةِ) މާނައީ: “ހަމަކަށަވަރުން ކުއްލި މަރަކީ ޤިޔާމަތްވުމުގެ ޢަލާމާތްތަކުގެ ތެރެއިން ޢަލާމާތެކެވެ.”
މި ކަމަކީ މި ޒަމާނުގައި ފެންނަމުން އަންނަ ކަމެކެވެ. ކުއްލިއަކަށް މަރުވެގެން ދިއުން މި ވަނީ މީސްތަކުންގެ މެދުގައި ގިނަވެފަ އެވެ. ފަހެ ދުޅަހެޔޮ ޞިއްޙަތެއްގައި ހުއްޓައި ފެންނަމީހާ އެއަށްފަހު ކުއްލި ގޮތަކަށް މަރުވެ އެވެ. މިހާރު މިއަށް މީހުން ކިޔައި އުޅެނީ ހާޓްއެޓޭކް ޖެހުމެވެ.
ބުއްދިވެރިޔާއީ އޭނާގެ އަމިއްލަ ނަފްސު ހުށިޔާރު ކުރުވައިގެން ހުރި މީހާ އެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ރުޖޫޢަވެ، ކުއްލި މަރެއްގެ ކުރިން ތައުބާވެހުރި މީހާ އެވެ.
އިމާމު ބުޚާރީ رَحِمَهُ الله ވިދާޅުވެ އުޅުއްވަ އެވެ.
(اغْتَنِمْ فِي الفَرَاغِ فَضْلَ رُكُوْعٍ فَعَسَى أَنْ يَكُوْنَ مَوْتُكَ بَغْتَهْ كَمْ صَحِيْحٍ رَأَيْتُ مِنْ غَيْرِ سُقْمٍ ذَهَبَتْ نَفْسُهُ الصَّحِيْحَةُ فَلْتَه)
މާނައީ: ”ރުކޫއެއް ކޮށްލުމުގައި (އެބަހީ އަޅުކަން ކުރުމުގައި) ތިބާގެ ހުސް ވަގުތުގެ ބޭނުން ހިފާށެވެ. ތިބާގެ މަރަކީ އެއީ ކުއްލި ކަމެއްގެ ގޮތުގައި ވެސް ވެދާނެ އެވެ. އެއްވެސް ބައްޔަކާ ނުލައި ފުރިހަމަ ޞިއްޙަތުގައިވާތީ ފެނުނީ ކިތައް މީހުން ހެއްޔެވެ. އޭނާގެ އެ ފުރިހަމަ ނަފްސު ކުއްލިއަކަށް ނިމި ދިޔައީ އެވެ.”
އިބްނު ޙަޖަރު ވިދާޅުވިއެވެ. [އެބަސްފުޅުގެ މާނައީ:] ”އޭގެ ފަހުން ނުވަތަ ދުވަސްކޮޅަކަށްފަހު، އެކަލޭގެފާނު –އެބަހީ ބުޚާރީ- އަށް އެކަން މެދުވެރިވެގެން ދިއުމީ ޙައިރާންވި ކަމެކެވެ.”
މަސްދަރު: ދިސަލަފިއްޔާ