Last Updated: July 7, 07:55
Tuesday, July 7, 2026
ޚަބަރު

މީޑިއާ ބިލުގެ ބޭނުމަކީ ކޮރަޕްޝަނުގެ އަޑު ކަނޑުވާލުން

އުމަރު ނަސީރު

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ބިލުގެ ބޭނުމަކީ ސަރުކާރަށް އެކިގޮތްގޮތަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތުތަކުގެ އަޑު ކަނޑުވާލުން ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

މި ބިލާއި ގުޅޭގޮތުން އުމަރު ވިދާޅުވީ މިއީ އަބުރު ރައްކާތެރިކުރުމަށް ގެނެވުނު ބިލެއް ނޫން ކަމަށާއި މިހާރު ހުރި ޤާނޫނުތަކުގެ ތެރެއިން ވެސް އަބުރު ރައްކާތެރި ކުރެވޭ ކަމަށެވެ. އެގޮތުން ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ކޯޓަށް ހުށަހެޅުއްވި މައްސަލަ ވެސް މިސާލަކަށް ފުދޭ ކަމަށް އުމަރު ވިދާޅުވި އެވެ.

އުމަރު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި، ނޫސްވެރިކަމުގައި ތިއްބެވި އެންމެ ތަޖުރިބާހުރި ބޭފުޅުންގެ މަޝްވަރާއާއިއެކު، މި ޤާނޫނަށް އިސްލާޙު ގެނެވޭނެ ކަމަށެވެ. އެ އިސްލާހުތަކަކީ:

1. ދައުލަތުގެ ތެރޭގައި ހިގާ ކޮރަޕްޝަން ގެ އަމަލުތަށް ހާމަ ކުރުމަކީ ކުށެއްނޫން ކަމަށް ލިޔެވިފައި އޮތުން.

2. މި ޤާނޫނަށް( Right to REPLY) އިތުރުކުރުން. ލިޔާ ލިޔުމަކުން، އެއްވެސް މީހެއްގެ ނުވަތަ އިދާރާއެއްގެ ކަރާމަތަށް ނުވަތަ އަބުރަށް އުނިކަމެއް އަތުވެއްޖެ ކަމަށް އެމީހަކަށް ނުވަތަ އިދާރާއަކަށް ފެނިއްޖެނަމަ، އެފަރާތަކުން އެކަމަށް ދޭ ރައްދު، 24 ގަޑިއިރުގެ ތެރޭގައި، އެ ލިޔުމެއް ލިޔުނު ނޫހެއްގެ އެ ޕޭޖްގައި ނުވަތަ އެ ލިޔުމެއްގެ އެތެރޭގައި ހިލޭ ޖަހާދިނުން. މި ގޮތުން އިލެކްޓްރޯނިކް މީޑިޔާގައި ނަމަ، އެ ލިޔުމެއްގެ މެދުތެރޭ، އެ ރައްދުގެ ލިންކް ހިމަނާދިނުން. ޕްރިންޓް މީޑިޔާ ނަމަ، ޖެހިގެން އަންނަ އަދަދުގައި އެ ރައްދެއް ހިލޭ ޖަހާދިނުން.

3. ނޫސްވެރިންނަކީ އެނގި ހުރި މިންވަރަކުން ތެދު މަޢުލޫމާތު ހާމަ ކުރުމަށް ހުވައެއް ކުރަން ޖެހޭ ބަޔެއްކަމުގައި ޤާނޫނުގައި ހިމެނުން.

4. މިހާރު ހުރި ޖޫރިމަނާގެ އަދަދުތަށް ބޮޑުތަނުން ކުޑަކުރުން. (ޖޫރިމަނާގެ މަޤްސަދަކަށް ވާން ޖެހޭނީ ލިޔުންތެރިޔާ ނުވަތަ އެ ނޫހެއް ބަގުރޫޓު ކޮށްލުމެއް ނޫނެވެ.)

އުމަރު ވަނީ ވެރިކަމުގެ ފަރާތުން ޤާނޫނަކަށް ބަދަލު ގެންނަނަމަ، އެކަމާ ގުޅުން ހުރި ފަރާތްތަކާ ގުޅަމަތި ނުހިފާ، މަޝްވަރާކުރުމަކީ ދައުލަތުގެ ކަންކަމާ ހަވާލުވެ ތިއްބަވާ ބޭފުޅުން ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.