Last Updated: July 7, 07:55
Tuesday, July 7, 2026
ޚަބަރު

މީޑިއާ ބިލު ތަސްދީގު ކުރިޔަސް އަމަލެއް ނުކުރާނަން: އެމްޖޭއޭ

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރި މީޑިއާ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވިޔަސް އެ ބިލަށް އަމަލުނުކުރާނެ ކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ)އިން ބުނެފި އެވެ.

މި ބިލު ފާސްކުރުމާ ގުޅިގެން އެމްޖޭއޭ އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާގެ ރައީސް އަހުމަދު ނާއިފް ވިދާޅުވީ އެ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވިޔަސް އެ ބިލަށް އަމަލުނުކުރާނެ ކަމަށާއި އެ ބިލު ތަސްދީގު ނުކޮށް އަނބުރާ މަޖިލީހަށް ފޮނުވާލުމަށް ރައީސް މުއިއްޒަށް ގޮވާލާ ކަމަށެވެ.

"ބިލު ތަސްދީގު ކުރިޔަސް އަޅުގަނޑުމެން އަމަލެއް ނުކުރާނަން. އެ ގާނޫނަށް ގޮންޖަހާނަން އަދި އޭގެ ބޭރުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރަމުން ގެންދާނަން. އޭގެތެރޭގައި އިހުތިޖާޖުތައް، މަދަނީ ބަސްނޭހުން އަދި އެހެނިހެން ވެސް އިތުރު ހަރަކާތްތައް،" ނާއިފް ވިދާޅުވި އެވެ.

ނާއިފް ވިދާޅުވީ ރައްޔިތުންގެ އަސާސީ ހައްގުތައް މިގޮތަށް ނިގުޅައިގަތުމަކީ އެމްޖޭއޭއިން އާދައިގެ ގޮތަކަށް ނަގާނެ ކަންތައްތަކެއް ނޫން ކަމަށާއި ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހައްގުތައް މަޖިލީހުން އެހާ ފަސޭހައިން ހަނިކުރަމުންދާ ހަނިކުރުމަށް އާ އެކޭ ނުބުނާނެ ކަމަށެވެ. އެގޮތުން ހާއްސަކޮށް ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަން އަދި ރައްޔިތުންނަށް މައުލޫމާތު އެނގުމުގެ ހައްގުން އެ ރައްޔިތުން މަހުރޫމުކުރަމުންދާއިރު މަޑުން ނުތިބޭނެ ކަމަށްވެސް ނާއިފް ވިދާޅުވި އެވެ.

މި ބިލު ފާސްކުރީ ނޫސްވެރިން ބޭނުންވި އިސްލާހުތައް ގެނެސްގެން ކަމަށް ސަރުކާރުން ބުނި ނަމަވެސް ނާއިފް ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. އެގޮތުން އެމްޖޭއޭ އަދި ގިނަ ނޫސްވެރިން ވެސް ގޮވާލަމުން އަންނަނީ މީޑިއާތައް ރެގިއުލޭޓް ކުރަން އޮންނަން ވާނީ ސެލްފް ރެގިއުލޭޓްރީ ނިޒާމެއް ކަމަށާއި މި ބިލާއެކު ރާއްޖޭގައި މިހާރު ގާއިމުވެފައި އޮތް ސެލްފް ރެގިއުލޭޓްރީ ނިޒާމު އެކީ އުވިގެން ގޮސް، ސަރުކާރުގެ ބާރާއި ނުފޫޒު އޮންނަ ނިޒާމެއް އުފެދިގެންދާނެ ކަމަށްވެސް ނާއިފް ވިދާޅުވި އެވެ.