ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކް އަދި ލިވަޕޫލް މޮޅުވެއްޖެ އެވެ.
ބަޔާން މޮޅުވީ އަމިއްލަ ދަނޑުގައި ޗެލްސީގެ މައްޗަށް 3-1 އިން ކުރި ހޯދައިގެންނެވެ.
މި މެޗުގެ ފުރަތަމަ 27 މިނެޓްތެރޭ ބަޔާނުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. ބަޔާންގެ ފުރަތަމަ ގޯލަކީ މެޗުގެ 20 ވަނަ މިނެޓްގައި ޗެލްސީގެ ޑިފެންޑަރު ޓްރެވާ ޗަލޯބާ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަދި ދެވަނަ ގޯލު އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ކޯލް ޕާމާ ވަނީ ޗެލްސީ އަށް ގޯލެއް ކާމިޔާބުކޮށްދީފަ އެވެ.
ދެވަނަ ހާފުގައި ބަޔާނަށް ގޯލުޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބުނުއިރު، އެ ހަމަލާތައް ދިފާއުކުރުމުގައި ޗެލްސީގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒްގެ ހުޝިޔާރުކަން ފެނިގެން ގޮސްފައިވެ އެވެ. ބަޔާންގެ ތިންވަނަ ގޯލު މެޗުގެ 63 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ގޯލުވެސް ކާމިޔާބުކޮށްދިން ކޭން އެވެ.
ލިވަޕޫލް ފަހު ވަގުތު ރޭ މޮޅުވީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑާއި ބައްދަލުކޮށް 3-2 އިންނެވެ. މި މެޗުގެ ފުރަތަމަ ހަ މިނެޓްތެރޭ ލިވަޕޫލުން ދެ ގޯލުގެ ލީޑެއް ނެގިއިރު، މި ދެ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޑީ ރޮބަޓްސަން އާއި މުހައްމަދު ސަލާހު އެވެ. ފުރަތަމަ ހާފް ނިމުމުގެ މާކޮސް ލޮރެންޓޭ އެތުލެޓިކޯގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން އިރު، މެޗުގެ 81 ވަނަ މިނެޓްގައި އޭނާ ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މި ގޯލާއެކު މެޗު އެއްވާރުވާން ދަނިކޮށް މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކް ވަނީ އެޓީމު މި މެޗުން މޮޅުވި ގޯލު ކާމިޔާބުކޮށްދީފަ އެވެ. ވެންޑައިކް މި ގޯލު ޖެހީ އެތުލެޓިކޯ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލަށް ވައްދާލައިގެންނެވެ.
ޗެމްޕިއަންސް ލީގުގައި ރޭ އެންމެފަހުގެ ޗެމްޕިއަނުން ކަމަށްވާ ޕީއެސްޖީން ވަނީ 4-0 އިން އެޓަލާންޓާ ބަލިކޮށްފަ އެވެ. އަދި މުބާރާތުގެ އެންމެފަހުގެ ރަނަރަޕުން ކަމަށްވާ އިންޓަ މިލާނުން ވަނީ 2-0 އިން އަޔެކްސް ބަލިކޮށް މޮޅަކުން މުބާރާތް ފަށައިފަ އެވެ.