Last Updated: July 7, 07:10
Tuesday, July 7, 2026
ޚަބަރު

ވަަތަނީ ޕްރޮގްރާމްްގައި 107 ރަށަކުން ޒުވާނުން ބައިވެރިވޭ

ރާއްޖޭގެ ނޭޝަނަލް ސާވިސް (ދިވެހި ވަޠަނީ ޚިދުމަތް) ގެ ޕްރޮގްރާމްގައި 107 ރަށަކުން ޒުވާނުން ބައިވެރިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި ޕްރޮގްރާމްގެ ފުރަތަމަ ބެޗަށް 343 ބައިވެރިން ނަގައި، އެ ބެޗްގެ ބައިވެރިން އިއްޔެ ތަމްރީނަށް މާފިލާފުއްޓަށް ފުރައިފަ އެވެ. ފުރަތަމަ ބެޗަށް ކުރިމަތިލާން ހުޅުވައިލުމުން 1،244 ޒުވާނުން ކުރިމަތިލި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ތަމްރީނަށް ފުރީ ރާއްޖޭގެ 107 ރަށަކުން، ޢުމުރުން 16 އަހަރާއި 29 އަހަރުގެ 64 އަންހެން އަދި 279 ފިރިހެން ޒުވާނުން ކަމަށެވެ.

"މި ތަމްރީނުގައި ބައިވެރިވާ އެންމެހާ ޒުވާނުންނަށް އަދި އެ ޒުވާނުންގެ ބެލެނިވެރިންނާއި ޢާއިލާތަކަށް މަރްޙަބާ ދަންނަވަން،" ރައީސްގެ ޕޯސްޓުގައިވެ އެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަށް، ރައީސް މުއިއްޒު އިސް ނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފަށަން ނިންމި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.