ރާއްޖޭގެ ފުޓްބޯޅައިގެ މައި ދާއިރާ، އެފްއޭއެމްގެ ރައީސްގެ މަގާމަށް އަހުމަދު ތޯރިގް ޓޮމް) ދާދި ފަހުން އިންތިހާބުވެވަޑައިގެން ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ރަނގަޅު ކުރަން ފަށާފައިވާ މަސައްކަތްތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ތައުރީފު ކުރައްވައިފި އެވެ.
ޓޮމްއާ އެކު ނަގާގައިވާ ފޮޓޯތަކަކާ އެކު އޭނަ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅައިގެ ކުރިމަގާ މެދު މަޝްވަރާތަކެއް ވެސް ކުރައްފާފައިވާ ކަމަށެވެ. ޓޮމް އަކީ ކުރިން ފުޓްބޯޅަ ކުޅުއްވި ބޭފުޅެއްކަން ވެސް ފާހަގަ ކުރައްވައި ފީފާގެ ރައީސް ވިދާޅުވީ އޭނަގެ ތަޖުރިބާގެ އަލީގައި ރާއްޖޭގެ ފުޓްބޯޅަ އަށް ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ. އަދި ޓޮމް އެފްއޭއެމްގެ ރައީސްގެ މަގާމު މަސްއޫލިއްޔަތު ފުރިހަމަ އަށް ނަންގަވަމުން ގެންދަވާ ކަމަށް ވެސް އިންފަންޓީނޯ ވިދާޅުވި އެވެ.
އޭނަގެ ޕޯސްޓްގައި ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ ގައުމީ ޓީމު 7 އަހަރަށް ފަހު މުބާރާތެއްގެ ތައްޓެއް އުފުލިކަން ވެސް ފާހަގަ ކުރައްވައިފަ އެވެ. އެއީ ސްރީ ލަންކާގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކޮށްގެންނެވެ.
އިންފަންޓީނޯ ވަނީ އަންހެނުންގެ ފުޓްބޯޅަ އަށް އެފްއޭއެމުން މިހާރު އިސްކަން ދެމުން އަންނަ ކަމަށާއި އަހަރުގެ ފަހުކޮޅު މުބާރާތަކަށް ތައްޔާރުވަމުންދާކަން ވެސް ފާހަގަ ކުރައްވައިފަ އެވެ.
"މިކަންކަމުން ދައްކުވައި ދެނީ ރާއްޖޭގެ ފުޓްބޯޅަ އާ މިސްރާބަކަށް އަމާޒު ހިފާފައިވާކަން،" ފީފާގެ ރައީސް ވިދާޅުވި އެވެ.
މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ޓޮމް އެފްއޭއެމްގެ ރައީސްގެ މަގާމަށް ވަޑައިގަތީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.
އެފްއޭއެމުން މިހާރު އަންނަނީ މުޅި ރާއްޖެ އަށް ހުޅުވާލައިގެން އެޓޯލް ޗެމްޕިއަންޝިޕްގެ ނަމުގައި ވެސް މުބާރާތެއް ބާއްވަން ތައްޔާރުވަމުންނެވެ.