Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

50 މިލިއަން ދެއްކުން އަނެއްކާ ވެސް ފަސްކޮށް ދީފި

ރާއްޖޭގެ ސަރުކާރަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ވިއްކި ޓީ ބިލްގެ ތެރެއިން އަނބުރާ ދައްކަން ޖެހޭ 50 މިލިއަން ޑޮލަރު ދެއްކުން އިންޑިއާ އިން އަނެއްކާ ވެސް ފަސްކޮށް ދީފި އެވެ.

އެސްބީއައި އިން ވިއްކި ޓީ ބިލް އަނބުރާ ދެއްކުން ފަސްކޮށް ދިންކަން ފިނޭންސް މިނިސްޓްރީން ހާމަކުރީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ އިސް ވަފުދަކާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު އެވެ. އަދި މިކަން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ވެސް މިއަދު ހިއްސާކޮށްފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މަޝްވަރާތަކުގެ މުހިންމު ނަތީޖާއެއްގެ ގޮތުން އެސްބީއައި އިން 50 މިލިއަން ޑޮލަރުގެ ޓީ ބިލްގެ މުއްދަތު އިތުރުކޮށް ދިން އިރު، މީގެ ކުރިން ވެސް މުއްދަތު އިތުރުކޮށް ދީފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އިންޑިއާ އިން ފަހިކޮށްދޭ މިފަދަ ފުރުސަތުތަކުން ސާބިތުކޮށް ދެނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު ގާތް ގުޅުމާއި އެ ގުޅުމުގެ ތެރެއިން އިތުރުބާރު އޮތް މިންވަރު ކަމަށެވެ.

އިއްޔެގެ ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ އިގުތިސާދީ ގުޅުން މުރާޖައާކޮށް ހަރުދަނާކުރުމަށް ވެސް މަޝްވަރާތަކެއްކޮށްފައިވެ އެވެ. އެގޮތުން އިންޑިއާ ސަރުކާރުގެ ލައިންސް އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސް ކުރެވޭ މުހިންމު ތަރައްގީގެ މަޝްރޫއުތަކާ ގުޅޭ ގޮތުން މަޝްވަރާކުރި އެވެ.