މިދިޔަ ޖޫން މަހުގެ ތެރޭގައި އެއާ އިންޑިއާގެ ބޯޓެއް ވެއްޓި މަރުވި މީހުންގެ އާއިލާތަކުން ބޮއެން އާއި ހަނީވެލް އަށް ދައުވާކޮށްފި އެވެ.
އެމެރިކާގެ ދެ ކުންފުންޏާ ދެކޮޅަށް މަރުވި މީހުންގެ އާއިލާތަކުން ދައުވާ ކުރަން ކޯޓަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު އެވެ. އާއިލާތަކުގެ ދައުވާގައި ބުނެފައި ވަނީ ޖޫން މަހުގެ 12 ވަނަ ދުވަހު ޖުމްލަ 246 މީހުން މަރުވި ހާދިސާ އަކީ އިހުމާލުގެ ސަބަބުން ކުރިމަތިވި ހާދިސާއެއް ކަމަށެވެ.
ވެއްޓުނު އެއާ އިންޑިއާގެ ބޯޓަކީ ބޮއެން 787-8 ގެ މަރުކާގެ ބޯޓެކެވެ.
އާއިލާތަކުން ބުނީ ހާދިސާ ހިނގުމުގައި ބޮއެން އާއި މަތިންދާބޯޓްގެ ބައިތައް އުފައްދާ އަދި އެފަދަ ތަކެތި ބޮއެން އަށް ފޯރުކޮށްދޭ ހަނީވެލްގެ އިހުމާލު އޮތް ކަމަށެވެ. އެގޮތުން ބޮއެންގެ ބޯޓްތަކުގެ ފެންވަރާ މެދު ބޮޑެތި ސުވާލުތަކެއް ހުރި ކަމަށާއި އެއާ އިންޑިއާގެ 787-8 ގެ މަރުކާގެ ބޯޓް ވެއްޓުމުގައި ވެސް ބޯޓަށް ތަފާތު މައްސަލަތަކެއް ދިމާވެފައިވާ ކަމަށް ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން ބޮއެން އާއި ހަނީވެލް އިން އަދި ވަކި އެއްޗެއް ބުނެފި އެވެ.
ބޯޓް ވެއްޓުނު ހާދިސާ އަށް ފަހު ޖުލައި މަހުގެ ތެރޭގައި އިންޑިއާގެ އެއާ ކްރާފްޓް އިންވެސްޓިގޭޝަން ބިއުރޯ އިން ނެރުނު ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ބޯޓް ވެއްޓުނު އިރު، އޭގެ ދެ އިންޖީނަށް ތެޔޮ ފޮނުވާ ސްވިޗްތައް ނިއްވާލާފައި ހުރިކަން ފާހަގަކުރެވިފައިވެ އެވެ. އަދި އެ ސްވިޗްތައް ނިއްވާލާފައި ހުރީ ބޯޓް ވެއްޓުމުގެ ވަގުތުކޮޅެއް ކުރިން ކަމަށް ވެސް ރިޕޯޓްގައި ބުންޏެވެ.
އެކަމާ ގުޅިގެން އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން އެފްއޭއޭ) އިން ބުނެފައި ވަނީ ބޮއެންގެ ބޯޓްތަކުގެ ފިއުލް ކޮންޓްރޯލް ސްވިޗްތަކަކީ ވަރަށް ރައްކާތެރި އެއްޗެހި ކަމަށެވެ.
އެއާ އިންޑިއާގެ ބޯޓް ވެއްޓުނު ހާދިސާގައި ޖުމްލަ 246 މީހުން މަރުވި އިރު، އޭގެ ތެރެއިން 241 މީހުންނަކީ ބޯޓުން ދަތުރުކުރި މީހުންނެވެ. ޖުމްލަ 242 މީހުންނާ އެކު އަހުމަދުއަބާދުން އިނގިރޭސިވިލާތުގެ ލަންޑަނަށް ދަތުރު ފެށި ބޯޓް މެޑިކަލް ކޮލެޖެއްގެ ހޮސްޓެލްއެއްގެ މައްޗަށް ވެއްޓުނު ހާދިސާގައި ސަލާމަތްވީ އެންމެ މީހެކެވެ.