މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ އަންގާރަ ދުވަހު ފާސްކުރި 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން' ގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަޞްދީޤު ކުރައްވައިފި އެވެ.
ރައީސް އެ ބިލު ތަސްދީގު ކުރެއްވީ ގިނަ މީޑިއާތަކާއި ނޫސްވެރިންނާއި ނޫސްވެރިކަން ތަމްސީލުކުރާ ޖަމިއްޔާތަކާއި ބޭރުގެ ވަރަށް ބައެއް ޖަމިއްޔާތަކުން ވެސް ބިލު ތަސްދީގު ނުކުރަން ގޮވައިލަމުން ދަނިކޮށެވެ.
މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ރޭ ނެރުނު ބަޔާނެއްގައި ވަނީ މީޑިއާ ބިލު ތަސްދީގު ކުރިޔަސް އެއަށް އަމަލު ނުކުރާނެ ކަމަށް ބުނެފަ އެވެ.
މަޖިލީހުން އެ ބިލު ފާސްކުރީ ވެސް ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މީޑިއާ ބި،ލުގެ މަގުސަކީ، ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްޤީކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ދެމެހެއްޓުމާއެކު، ދޮގު ޚަބަރު ފެތުރުން ހުއްޓުވުމެވެ. އަދި މީޑިއާތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި އެހެނިހެން ފަރާތްތަކުން ޢަމަލުކުރާނެ ހަމަތަކާއި އުސޫލުތައް ކަނޑައަޅައި، އެ އުސޫލުތައް ހިންގުމަށާއި ޒަމާނާ އެއްގޮތަށް ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން ނޫސް މަޖައްލާ ރަޖިސްޓްރީކުރުމަށް ލުއި ފަސޭހަ އަދި ހަރުދަނާ މިންގަނޑުތަކެއް ތަޢާރަފުކުރުމާއި، ބްރޯޑްކާސްޓިން މީޑިއާ ވެސް ހިމެނޭ ގޮތުން މީޑިއާގެ ކަންކަން ރެގިއުލޭޓްކުރާނެ ވަކި މުއައްސަސާއެއް އުފެއްދުމަކީ ވެސް ގާނޫނުގެ ބޭނުމެކެވެވެ.
ބިލު ތަސްގީގު ކުރުމާ އެކު މޯލްޑިވްސް މީޑިއާ ކައުންސިލު (އެމްއެމްސީ) މިހާރު ވަނީ އުވިފަ އެވެ. އަދި މިހާރުގެ ބްރޯޑްކޮމް ޤާނޫނުގެ ދަށުން އުފައްދާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިްން ދަށަށް ވެސް ބަދަލުވީ އެވެ.
ޤާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސަރވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.