Last Updated: June 6, 10:21
Saturday, June 6, 2026
ޚަބަރު

ގައުމީ ތަރައްގީގެ ޕްލޭނަށް އައްޑޫގައި ބައްދަލުވުންތައް

ރާއްޖޭގެ 20 އަހަަރުގެ ގައުމީ ތަރައްގީ ޕްލޭނާ ގުޅޭ ގޮތުން މިހާރު ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން އަައްޑޫގައި މިއަދު ބައްދަލުވުންތައް ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އައްޑޫގެ ބައްދަލުވުންތައް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 21 އާ ހަމައަށެވެ. މިއަދު ބާއްވާ ފުރަތަމަ ބައްދަލުވު ހިތަދޫގެ ޒުވާނުންނަށް ހާއްސަކޮށްގެން އެ އަވަށުގައި ހުންނަ ވިލާ ކޮލެޖްގެ ކެމްޕަހުގައި އޮންނާނެ އެއީ ހަވީރު 4:00 ގަ އެވެ. އަދި ދެވަނަ ބައްދަލުވުން ހިތަދޫގެ އަާންމުންނަށް އޮންނާނީ މިރޭ 8:00 ގައި ވިލާ ކޮލެޖް ކެމްޕަހުގަ އެވެ.

އައްޑޫގެ ހުރިހާ އަވަށެއްގެ މީހުންނަށް ވެސް ބައްދަލުވުންތައް އޮންނާނެ އެވެ. އެގޮތުން ފޭދު އާއި މަރަދޫފޭދޫގެ އިތުރުން މަރަދޫގެ އާންމުންނާއި ޒުވާނުންނަށް ބައްދަލުވުންތައް އޮންނާމީ މާދަމާ ހަވީރާއި ރޭގަނޑު އިރުޝާދިއްޔާ ސްކޫލްގަ އެވެ.

މި މަހުގެ 20 ގައި ބައްދަލުވުންތައް ބާއްވާނީ މީދޫގެ އާންމުންނާއި ވިޔަފާވެރިންނަށް ހާއްސަކޮށްގެން މި މަހުގެ 20 ގަ އެވެ. އެއީ ވެސް ދެ ސެޝަނަކަށެވެ.

ހުޅުދޫގައި ދަނޑުވެރިންނާއި އާންމުންނަށް ބާއްވާ ބައްދަލުވުންތައް އޮންނާނީ 21 ވަނަ ދުވަހު ދެ ސެޝަނަކަށެވެ.

ރާއްޖޭގެ 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނަކީ 2045 ވަަނަ އަހަރާ ހަމައަށްދާ އިރު، ރާއްޖޭގެ ތަރައްގީ އޮންނާނެ ގޮތުގެ ތަސައްވަރު އެކުލަވާލައި، އެ މިސްރާބަށް މަސައްކަތް ކުރުމެވެ.

ސަރުކާރުން މި މަސައްކަތް ވިލަރެސްކުރި ނަމަވެސް، މިނިވަންކަމާއެކު ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އަމިއްލަ ކޮންސަލްޓަންސީ ފާމެއްކަ މަށްވާ ނެކްސިއާ މޯލްޑިވްސްއާ ހަވާލުކޮށްގެންނެވެ. އެގޮތުން މީހުން ދިރިއުޅޭ 180 ރަށުގެ ރައްޔިތުންނާ ބައްދަލުކޮށް ޚިޔާލު ހޯދުމުގެ މަސައްކަތްތައް ކުރަން ހަމަޖެހިފައިވެ އެވެ.

ޕްލޭން އަންނަ އަހަރުގެ ޖެނުއަރީގައި އިފުތިތާހުކުރާ ގޮތަށް އޮތީ ރާވައިފަ އެވެ.