މިދިޔަ އަހަރު ރިލީޒްކުރި އިންޑިއާގެ ހުރާފީ ސައިންސް ފިކްޝަން ފިލްމު "ކަލްކީ: 2898 އޭޑީ" ގެ މުހިއްމު ރޯލެއް ކުޅުނު ބަތަލާ ދީޕިކާ ޕަދްކޯން އޭގެ ދެވަނަ ބައިގައި ހިއްސާ ނުވާން ނިންމައިފި އެވެ.
އެކަން ފިލްމުގެ ޓީމުން ވެސް ކަށަވަރުކޮށްދީ، ބުނީ ދީޕިކާގެ ނެތް ތަން ފޫބައްދާނެ އެހެން ބައިވެޔަކު ހޯދަން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ. މަ
މަޝްހޫރު ތެލެގޫ ޑައިރެކްޓަރު ނާގް އަޝްބިން ގެނެސްދިން "ކަލްކީ" އަކީ ތެލެގޫ އެކްޓަރު ޕްރަބާސްގެ އިތުރުން އަމީތާބް ބައްޗަން ވެސް ކާސްޓްގައި ހިމެނޭ ފިލްމެކެވެ.
ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ފިލްމުގައި ދީޕިކާ ކުޅުނީ ސުމާތީ ކިޔާ ކެރެކްޓާއެކެވެ. "ކަލްކީ" ގެ ސީކްއެލް ނުކުޅެން ދީޕިކާ ނިންމި ނަމަވެސް އެގޮތަށް ނިންމި ސަބަބެއް އޭނަ ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
ނަމަވެސް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޭނަ ފިލްމު ދޫކޮށްލީ މައިގަނޑު ދެ ޑިމާންޑަކަށް ފިލްމުގެ ޓީމަށް އެއްބަސްވުމަކަށް ނާދެވުމުންނެވެ. އޭގެ ތެރެއިން އެއް ކަމަކީ ފިލްމުގެ ޝޫޓިން ކުރިއަށްދާ ދުވަސްތަކުގައި ދުވާލަކު 7 ގަޑިއިރަށް ވުރެ އިތުރަށް މަސައްކަތް ނުކުރުމާއި ފިލްމުގެ ފުރަތަމަ ބައިން އާމްދަނީގެ ގޮތުގައި ލިބުނު އަދަދަށް ވުރެ 25 ޕަސެންޓް ބޮޑުކޮށް "ކަލްކީ 2" އިން ދޭން ޑިމާންޑް ކުރުމެވެ.
ދާދި ފަހުން ހަމަ މިފަދަ ޑިމާންޑްތަކަކާ ހެދި ދީޕިކާ އަށް އެހެން ފިލްމެއް ވެސް ދޫކޮށްލަން މަޖުބޫރުވި އެވެ. އެއީ 2023 ގެ ބޮޑު ހިޓެއް ކަމަށްވާ "އެނިމަލް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ "ސްޕިރިޓް" އެވެ.
އެ ފިލްމުގެ ވެސް ބަތަލަކީ "ކަލްކީ" ގެ ބަތަލު ޕްރަބާސް އެވެ.
މިހާރު އަހަރެއްވީ އަންހެން ދަރިޔަކު ވެސް އޮތް އަދި މަޝްހޫރު އެކްޓަރު ރަންވީރު ސިންގުގެ އަންހެނުން ދީޕިކާ "ސްޕިރިޓް" ދޫކޮށްލުމުން އެ ފިލްމުގެ ބަތަލާއަކަށް ނެގީ "އެނިމަލް" ގައި ކުޑަ އެކަމަކު "ބޯލްޑް" ރޯލެއް ކުޅެގެން ބޮޑު މަޝްހޫރު ކަމެއް ލިބުނު ޓްރިޕްތީ ދިމްރީ އެވެ.
ދީޕިކާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި ޝާހްރުކް ޚާންގެ "ކިންގް" އާއި 2023 ގެ "ޖަވާން" ގެ ޑައިރެކްޓަރު އެޓްލީ، ތެލެގޫ އެކްޓަރު އައްލޫ އަރުޖުންއާ އެކު ހަދާ ފިލްމެއް ހިމެނެ އެވެ.