Last Updated: July 7, 03:23
Tuesday, July 7, 2026
ޚަބަރު

އާ ގާނޫނާއެކު މުޖުތަމައު ދޮގު މައުލޫމާތުން ރައްކާތެރިކޮށް ދޭނެ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު - ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވި މީޑިއާ ބިލާއެކު މުޖުތަމައު ދޮގު މައުލޫމާތުން ރައްކާތެރިކޮށްދޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ ވަރުގަދަ އިޤްތިޞާދެއް ބިނާވެފައި އޮންނަނީ އިތުބާރުގެ މައްޗަށް ކަމަށާއި މި ޤާނޫނުން މީހުންނާއި، ވިޔަފާރިތަކާއި، އަދި މުޖުތަމަޢު ދޮގު މަޢުލޫމާތުން ރައްކާތެރިކޮށްދޭނެ ކަމަށެވެ. އަދި ޤާނޫނުން އުފައްދަނީ އިންސާފުވެރި މީޑިއާގެ މާހައުލެއް ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެ ބިލު މިއަދު ތަސްދީގުކުރައްވާފައިވަނީ އެ ބިލު ތަސްދީގުނުކުރަން ބޭރުގެ ބައެއް ޖަމިއްޔާތަކުން ވެސް ގޮވާލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

އެ ބިލު ތަސްދީގުކުރުމުން ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ވަނީ އެ ބިލަކީ ގާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށާއި ނޫސްވެރިންނަށް ބިރެއް ނުދެއްކޭނެ ކަމަށް ބުނެފަ އެވެ.

މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދެވުނު ހަމަލާއެއް ކަމަށެވެ. އަދި ވެރިކަން ހިންގާ ބާރައި ރައްޔިތުންގެ މަޖިލީހުން ރާއްޖޭގައި އޮތް މީޑިއާގެ ކޮންޓްރޯލް ނެގުމަށް ކުރާ މަސައްކަތްތައް އެމްޖޭއޭއިން ވަނީ ކުށްވެރިކޮށްފަ އެވެ.

މީގެއިތުރުން ހުރިހާ ގޮތަކުން އެ ގާނޫނާ ޗެލެންޖު ކުރުމަށް ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކާ މަޝްވަރާ ކުރަމުންދާ ކަމަށް އެމްޖޭއިން ވަނީ ބުނެފަ އެވެ.