Last Updated: July 7, 03:23
Tuesday, July 7, 2026
ޚަބަރު

ބަނގުރާ ވިއްކާ ބިދޭސީންތަކެއް އަތުލައިގަނެ ޑީޕޯޓުކޮށްލަނީ

މާލޭގައި ފުޅާދާއިރާއެއްގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ބަޔަކު ހައްޔަރުކޮށްފި އެވެ.

ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން މި އޮޕަރޭޝަން ހިންގާފައިވަނީ އިއްޔެ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަނުގައި މާލޭގެ ތިން އެޕާޓްމަންޓު ބަަލައިފާސްކޮށްފައިވާ ކަމަށާއި އެ ބަލައިފާސްކުރުމުގެ ތެރެއިން، ނުވަ ފުޅި ބަނގުރަލާއި، ބަނގުރާކަމަށް ބެލެވޭ އެއްޗެއް ހުރި 5ލީޓަރުގެ ހަ ފުޅިއާއި، 500އެމްއެލްގެ 78 ފުޅިއާއި، 22 ޓައްޕު ފެނިފައިވާ ކަމަށެވެ. އަދި ކުށްކޮށްގެން ހޯދާފައިވާކަމަށް ތުހުމަތުކުރެވޭ 29000 އަށްވުރެ ގިނަ ރުފިޔާއާއި 100 ޑޮލަރު ވެސް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް، ސައްބިރް ހޮސައިން (33އ) އާއި، ބަންގްލަދޭޝް، މުހައްމަދު ބަދަލް (52) އާއި އިންޑިއާ، ރާޖު ދަސް (20އ) އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ގަވާއިދާ ހިލާފަށް ބަނގުރާ އުފައްދައި، ގެންގުޅެ، ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.

ފުލުހުން ވަނީ މި ތިން މީހުން ވެސް ޑީޕޯޓުކުރުމަށް އިމިގްރޭޝަނާ ހަވާލުކޮށްފަ އެވެ.