Last Updated: June 6, 06:06
Saturday, June 6, 2026
ރިޕޯޓް

ރަނގަޅު ބެލެނިވެރިއަކަށްވާން މުހިއްމު 9 ކަމެއް!

ކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަކީ އެންމެ ބުރަ މަސައްކަތުގެ ތެރޭގައި ހިމެނޭ އަދި އެންމެ ހިތްހަމަޖެހުން ގެނެސްދޭ އެއް ކަމެވެ. އެއީ އެކަމަށް ތައްޔާރުވެވޭތޯ މަސައްކަތް ކުރިއަސް އެކަށީގެންވާ ވަރަށް ތައްޔާރުވެވިފައި ނުވާކަމުގެ އިޙްސާސް ގެނުވާ މަސައްކަތެކެވެ.

ކަންބޮޑުވާން ޖެހޭ ފަހަރާއި ހާސްވާން ޖެހޭ ފަހަރު އަދި ހަދާނެ ގޮތް ހުސްވީއޭ ހީވާ ފަހަރުވެސް އަންނާނެއެވެ. މި ދަންނަވާލަނީ ދަރިން ބަލާ ބޮޑު ކުރުމުގައި އެޅިދާނެ ބައެއް މުހިއްމު ފިޔަވަޅުތަކެވެ. ކަމުގެ ތަޖުރިބާކާރުން ބުނާ ގޮތުގައި މިފަދަ ފިޔަވަޅުތައް އަޅަމުން ދާ ނަމަ ބެލެނިވެރިންނަށް ހިތްހަމަ ޖެހުން ލިބި އަދި ދަރިފުޅުގެ ފަރާތުން ލިބޭ އުފާވެރިކަން ބޮޑުވާނެ އެވެ.

1. އަމިއްލަ ނަފްސަށް ކުރާ ޤަދަރު މަތިކުރާށެވެ.

ކުއްޖާ ދާދި ކުޑައިރު އަމިއްލަ ނަފްސާ ދޭތެރޭ ވިސްނަން ފަށައެވެ. ތިމާ އަކީ ކާކުކަން އޭނަ އަށް ފެންނާނީ ބެލެނިވެރިޔާގެ ނަޒަރުންނެވެ. ބެލެނިވެރިޔާ ދައްކާ ވާހަކަ އާއި ކުއްޖާއާ ދޭތެރޭ ކަންތައް ކުރާ ގޮތް ކުއްޖާ ފާހަގަ ކުރަމުން ދާނެ އެވެ. ވާހަކަ ދެއްކުމުގައި ގެންގުޅޭ ރާގާއި، ބަސް ބުނެ އުޅޭ ގޮތް ނަގައިގަންނާނެ އެވެ.

ކުއްޖާ އޭނާގެ އަމިއްލަ ނަފްސަށް ކުރާ ޤަދަރު އަދި އިތުބާރު ބިނާ ވެފައި އޮންނާނީ އޭނާގެ ބެލެނިވެރިޔާގެ ފަރާތުން އިވޭ އަޑުތަކާއި ބެލެނިވެރިޔާ ކަންތައް ކުރާ ގޮތުގެ މައްޗަށެވެ. ނަފްސުގެ ޤަދަރު މަތިކުރުމަށް ކުއްޖާ ކުރާ ރަނގަޅު ކަންތަކަށް، އެއީ ކިތައްމެ ކުޑަ ކަމަކަށް ވިޔަސް، ތަޢުރީފުކޮށް ހިތްވަރު ދޭށެވެ. އެކުރެވުނު ކަންތަކާ ފަޚްރުވެރި ކުރުވާށެވެ.

އޭނަ އަށް ކުރެވޭވަރުގެ ކަންތައް އަމިއްލައަށް ކުރުމުގެ މިނިވަންކަން ދިނުމުން އޭނައަށް ވެސް ކަންތައްތައް ކުރެވޭކަމަށް ވިސްނި ނަފްސަށް ކުރާ ޤަދަރު މަތިވާނެއެވެ. އެއާ އިދިކޮޅަށް ކުއްޖާ ނިކަމެތި ކޮށް ދެރަ ކޮށްލާފަދަ ބަސްބުނެ އެހެން ކުދިންނާއި ނުރަނގަޅު ގޮތުގައި އަޅާކިޔާނަމަ ކުއްޖާއަށް އޭނާއަކީ އަގެއްނެތް މީހެއްގެ ގޮތުގައި ވިސްނެން ފަށައެވެ.ވީމާ ކުދިން ނިކަމެތި ކުރުވާފަދަ ބަސް ނުބުނުމަށް ސަމާލުވާން ވާނެ އެވެ.

ޖިސްމާނީ ގޮތުން ލިބޭ އަނިޔާ އަށްވުރެ ނަފްސާނީގޮތުން ލިބޭ އަނިޔާގެ އަސަރު ގިނަދުވަހު ދެމިހުންނާނެއެވެ. އެހެންކަމުން ކުދިންނާ ދޭތެރޭ ރަޙުމް ބަހައްޓާ، ވިސްނާނުލައި ބަސް ނުބުނުމަށް ސަމާލުވާށެވެ. ކުއްޖާ ކުރާ ކަމަކާ ދޭތެރޭ ހިތްހަމަނުޖެހުނަސް ކުއްޖާ ގޯސް ނޫންކަމާއި، ގޯހީ ކުއްޖާއަށް ކުރެވުނު ޢަމަލުކަން، އަދި ކޮންމެ މީހަކުވެސް ކުށެއް ކުރެވިދާނެކަން ވިސްނައި ދޭށެވެ. ކުއްޖާ ދެކެ ލޯބިވާކަން އަންގައި ދޭށެވެ.

2. ކުރާ ރަނގަޅު ކަންތައް ފާހަގަކުރާށެވެ.

ތިމާ ހިތްހަމަނުޖެހޭ ގޮތަކަށް ކުއްޖާ ކަންތައް ކުރާ ކޮންމެ ފަހަރަކު ފާޑުކިޔެނީ ކުއްޖާ ކަންތައްތައް އިސްލާހު ކުރޭތޯއެވެ. ތިމާކުރާ ކަންތައްތައް ހިތްހަމަނުޖެހި މީހަކު އަބަދު އަބަދު ފާޑުކިޔާނަމަ ވާނީ ކިހިނެއްތޯ ވިސްނާލާށެވެ. ކަންތައްތައް އިސްލާހު ކުރަން ބޭނުން ނަމަ އެންމެ ރަނގަޅު ގޮތަކީ ކުއްޖާ ކުރާ ރަނގަޅު ކަންތައްތައް ފާހަގަކޮށް ތަޢުރީފްކުރުމެވެ.

މިސާލަކަށް އެކުގެއި ކުޅެން އުޅޭ އެހެންކުއްޖަކާ ދޭތެރޭ ކުއްޖާ ރަނގަޅު ގޮތުގައި ކަންތައް ބަހައްޓައިފި ނަމަ ވަރަށް ރަނގަޅު ކަމަށް ބުނެ ތަޢުރީފު ކުރާށެވެ. މިފަދައިން ކުރާ ތަޢްރީފުގެ ހެޔޮ ނަތީޖާ ގިނަ ދުވަސްތަކެއްގެ ފަހުން ފެންނާނެއެވެ. އެއްޗެތި ކިޔާ އަދި ފާޑު ކިޔުމުން ނުފެންނާނެ ހެޔޮ ނަތީޖާ އެވެ. ކުއްޖާ އަށް ތަޢުރީފުކުރެވޭ ފަދަ އެއްކަމެއް ކޮންމެ ދުވަހަކު ވެސް ފާހަގަ ކުރާށެވެ. އެންމެ މަދުވެގެން އެއް ކަމެވެ.

އެފަދަ ކޮންމެ ވަގުތަކު ކުއްޖާ އަށް ލޯބި ދިނުމުގެ ގޮތުން ބައްދާލާ އަދި ކުއްޖާ އުފާވާނޭ ފަދަ ބަސް ބުނާނަމަ އަޖައިބުވަނިވި ނަތީޖާ ފެންނާނެއެވެ. ގެންނަން ބޭނުންވާ ބަދަލު ފެންނާ އެވެ.

3. ޙައްދު ކަނޑައަޅައި އަޚްލާގީ މިންގަނޑު ހިފަހައްޓާށެވެ.

ކުއްޖާގެ އަޚްލާގު ރަނގަޅުކޮށް އަމިއްލަ ނަފްސު ކޮންޓުރޯލް ކުރަން ދަސްކޮށްދިނުމަކީ ތަރުބިއްޔަތުގެ މުހިއްމު އެއްބައެވެ. ކުއްޖާއަށްޓަކައި ތިމާ ކަނޑައަޅާ ޙައްދުތަކާއި މިންގަނޑުތައް ކުއްޖާ އަބަދުވެސް ޓެސްޓު ކުރާނެ އެވެ. ހަރުދަނާ އަދި ޒިންމާދާރު ބަޔަކަށް ދަރިން ހެދުމަށް އެޙައްދުތަކާއި މިންގަނޑުތަކުގައި ހިފެހެއްޓުމަށް ކުއްޖާއަށް ދަސްކޮށްދޭން ޖެހެ އެވެ. ގޭތެރޭގެ ގަވާއިދުތަކެއް ހެދުމުން ތިމާ، ކުއްޖާގެ ފަރާތުން އެދެނީ ކޮންކޮން ކަންތައްތަކެއްކަން ކުއްޖާއަށް ވިސްނޭނެއެވެ.

މިސާލަކަށް، ފިލާވަޅު ނުހަދާ ޓީވީ ނުބެލޭނެކަން އަދި އެހެން ކުއްޖެއްގެ ގައިގާ ޖަހައިގެން ނުވާނެކަން މިފަދަ ޤަވާއިދުތަކުގެ ތެރޭގައި ހިމެނިދާނެއެވެ. އަދި ޤަވާއިދެއްގެ ގޮތުން ޓީވީ ބެލުމާއި ކުޅުމަށްވެސް ވަގުތު ކަނޑައެޅިދާނެއެވެ.

މިފަދަ ޤަވާއިދުތަކެއް ހެދުމަށްފަހު ތީމާ ސަމާލުވާން ޖެހޭ ކަންތައްތަކެއް ވެއެވެ. ޤަވައިދާ އެއްގޮތައް ކުއްޖާ ކަންތައް ނުކޮށްފިނަމަ ދެން ކަންތައްވާނެ ގޮތް ކުއްޖާއަށް އަގައިދޭން ޖެހެއެވެ. ނުހިފެއްޓިއްޖެ ނަމަ ޤަވާއިދުތައް އެއީ ކުއްޖާއަށް އެއްވެސް މުހިއްމު އެއްޗެއް ނޫނެވެ.

މިސާލަކަށް، އެހެން ކުއްޖެއްގެ ގައިގާ ޖަހައިފިނަމަ ކުރާހިތްވާ ކޮންމެވެސް ކަމެއް އެދުވަހު ނުކުރެވޭނެކަން އެންގިދާނެއެވެ. ދެން އޮންނާނީ ތިމާގެ ބަހުގައި ތިމާ ހިފެހެއްޓުމެވެ. ކުއްޖާގެ ފަރާތުން އެދެވެނީ ކޮންކޮން ކަންތައްތަކެއްކަން ކުއްޖާއަށް ވިސްނެމުންދާނެއެވެ.

4. ކުއްޖާއަށްޓަކައި ވަގުތު ހުސްކުރާށެވެ.

ކުރަން ހުންނަ ކަންތައް ގިނަވުމުން ބެލެނިވެރިންނަށް ކުއްޖާއާއި އެކު ހޭދަ ކުރަން ވަގުތު ނުވާ ފަހަރު އާދެއެވެ. ކުއްޖާއަށްޓަކައި ހުސްކުރާ ވަގުތެވެ. މިފަދަ ވަގުތަކީ ކުއްޖާއަށް ވަރަށް މުހިއްމު ވަގުތުތަކެކެވެ. ފަތިހާ ތެދުވެ ދަރިފުޅާ އެކީ ނާސްތާކޮށް ހިނގާލަންގޮސް ހެދުމުން ކުއްޖާ އެދޭ ސަމާލުކަން ނުދެވޭނަމަ ސަމާލުކަން ހޯދާނެ އެހެން ގޮތެއް ކުއްޖާ ހޯދައެ ވެ.

ކުއްޖާ ބަސްނާހަން ފަށައެވެ.ދަރިންނަށްޓަކައި ވަގުތު ހުސްކުރުމަށް ސަމާލުކަންދޭ ބައެއް ބެލެނިވެރިން އެވަގުތުތައް ކުރީގައި ކަނޑައަޅައެވެ. މިސާލަކަށް ހަފްތާގެ ވަކި ރެއެއް އެއީ ކުދިންނާއި އެކު ބޭރަށް ގޮސް އުފާ ކުރުމަށް އޮންނަ ޚާއްޞަ ރެއެއްކަމަށް ކަނޑައަޅައެވެ.

އުމުރުން 12-13 އަހަރުގައި މިފަދަ ވަގުތު ތަކަށް އެކުދިން ހުންނަށް ޝައުގުވެރިކަން ކުޑަވިޔަސް އަބަދުވެސް ވާހަކަ ދެއްކުމުގެ ފުރުސަތު އެކުދިންނަށް ދިނުން ވަރަށް މުހިއްމެވެ. އެކުދިންނާ ގުޅުން ބަދަހިވާނޭ ފަދަ ކަންތައް ކުރުން މުހިއްމެވެ. މިސާލަކަށް އެކުގައި ފުޓުބޯޅަ މެޗެއް ބަލައިލެވިދާނެ އެވެ. މިފަދައިން ގުޅުން ބަދަހި ކުރުމުން ކުއްޖާ ދަސްވެ ކުއްޖާގެ ރަޙްމަތްތެރިން ވެސް ދަސްވަމުން ދާނެއެވެ.

އާމްދަނީ ހޯދުމަށް މަސައްކަތްކުރާ ބެލެނިވެރިންނަށް ދަރިފުޅާއެކު ގިނަ ވަގުތުތަކެއް ހޭދަ ނުކުރެވިދާނެ އެވެ. ނަމަވެސް ކުއްޖާއާއެކު ހޭދަކުރާ ކިތައްމެ ކުޑަ ވަގުތުކޮޅަކީ ވެސް ކުއްޖާއަށް މުހިއްމު ވަގުތުކޮޅެއްކަން ހަނދާން ކުރާށެވެ. އެކުގައި ކުރާ ކުދި ކުދި ކައްތައްވެސް ކުއްޖާ ހަނދާން ކުރާނެ އެވެ.

5. ހެޔޮ މިސާލަކަށްވާށެވެ.

ބެލެނިވެރިން ކުރާ ކޮންމެ ކަމަކީ ކުއްޖާއަށް ވަރަށް މުހިއްމު ކަމެކެވެ. ކުއްޖާ ކަންތައްތައް ކުރަން ބޭނުންވަނީ ބެލެނިވެރިން ކަންތައް ކުރާ ގޮތަށެވެ. އުމުރުން ހަގުވިވަރަކަށް ކުދިން ބެލެނިވެރިންގެ ކަންތައްތައް ފާހަގަކޮށް ނަކަލު ކުރުމަށް އެދެއެވެ. އެހެންކަމުން ތިމާ ކަމަކާ ރުޅިއައިސް ތަކެތި ސުންނާފަތި ކުރަން ފެށުމުގެ ކުރިން ވިސްނާލާށެވެ. ތިމާގެ ދަރިފުޅު ރުޅި އަންނަ ކޮންމެ ފަހަރަކު އެފަދަ ކަންތައް ކުރުމަށް ތިމާ އެދޭ ހެއްޔެވެ؟

ތިމާ ކުރާ ކަންތައް ދަރިފުޅު ބަލަމުން ދާކަން ވިސްނާލާށެވެ. ދިރާސާތަކުން ދައްކާގޮތުން އެހެންކުދިންނާ ރުޅި ހަދާ، ތޮޅެ އަދި ޒުވާބުކުރާ ކުދިންނަކީ ގޭތެރެއިން އެފަދަ މިސާލުތައް ދެކޭ ކުދިންނެވެ.

ވީމާ ބެލެނިވެރިންނަކީ ކުދިންނަށް ހުރި ރަނގަޅު މިސާލެއްކަމަށް ވާންޖެހެއެވެ. އެހެން މީހުންނަށް އިޙްތިރާމް ކުރާ ރަޙްމަތްތެރި، ތެދުވެރި ބަޔަކަށް ވާންޖެހެއެވެ. އޯގާތެރި އަދި ކެތްތެރި ބަޔަކަށް ވާންޖެހެއެވެ. އަމިއްލަ އެދުންތަކަށް ވުރެ އެހެންމީހުންގެ އެދުންތަކަށް އިސްކަންދޭ ބަޔަކަށް ވާންޖެހެއެވެ. ބަދަލަކަށް ނުއެދި ހިތްހެޔޮކަމާއެކީ މީހުންނަށް ކަންތައް ކޮށްދޭ މީހަކަށް ބަޔަކަށް ވާންޖެހެއެވެ. ކުއްޖާގެ ކިބައިގާ އެ ސިފަތައްވުމަށް އެދޭނަމައެވެ. ތިމާ އާއި ދޭތެރޭ އެހެން މީހުން ކަންތައް ކުރުމަށް ތިމާ އެދޭ ގޮތަށް، ތިމާގެ ދަރިފުޅާ ދޭތެރޭ ކަންތައް ކުރާށެވެ.

6. މުވާސަލާތް ކުރުމަށް އިސްކަން ދޭށެވެ.

ކުއްޖާ ކައިރީ ކަމެއް ކުރުމަށް ބުނެ އެކަމެއް ކުރަން ބުނީ ކީއްވެގެންކަން ކުއްޖާއަށް ތިމާ ބުނެ ނުދޭނަމަ އެކަމެއްގެ މުހިއްމުކަމެއް ކުއްޖާއަކަށް ނުވިސްނޭނެ އެވެ. އަދި އެކަމަށް ދެވޭ ސަމާލުކަން ވެސް ކުޑަވާނެއެވެ. މިސާލެއް ނަގާނަމަ ކޮޓަރިން ނުކުންނަމުން ހޮޅިބުރި ނިންވާލުމަށް ބުނެފައި ނިންވާލަން ޖެހެނީ ކީއްވެގެން ކަން ކުއްޖާއަށް ވިސްނާނުދެވޭ ނަމަ އެކަމަށް ދެވޭ ސަމާލުކަން ކުޑަވެ ހޮޅިބުރި ނިންވާލަން ޖެހެނީ ކީއްވެގެންކަމާއި ނިއްވާ ނުލުމުން ވާނެ ގޮތް ކުއްޖާއަށް ކިޔައި ދެވިފައި ވާނަމަ އެކަމަށް ދެވޭ ސަމާލުކަން ބޮޑުވެއެވެ.

ބޮޑެތި މީހުންނެކޭ އެއްފަދައިން ކުދިންގެ ހިތުގައިވެސް ސުވާލު އުފެދޭނެއެވެ. އަދި އެސުއާލުތަކުގެ ޖަވާބު ހޯދުމަށް އެދޭނެއެވެ. ބެލެނިވެރިންގެ ފަރާތުން ޖަވާބު ނުލިބޭނަމަ ކަންތައްތައް ކުރުމުގެ ބޭނުމާމެދު ހިތުގައި ޝައްކު އުފެދުން އެކަށީގެންވެއެވެ. ވީމާ ކުދިންނަށް ކަންތައްތައް އޮޅުން ފިލުވައި ދިނުން މުހިއްމެވެ. ތިމަ ކުއްޖާގެ ކިބައިން އެދެނީ ކޮންކޮން ކަންތައްތަކެއްކަން ސާފުކޮށްދޭށެވެ. އަދި އިތުރު މައްސަލަތައް ވާނަމަ ކިޔައިދޭށެވެ.

އެފަދަ މައްސަލަތަކާ ދޭތެރޭ ތިމާ ދެކެ ގޮތް ކިޔައިދީ މައްސަލައަށް ޙައްލެއް ހޯދުމުގައި ކުއްޖާ އެހީ ހޯދާށެވެ. ކުއްޖާ ހުށައަޅާ ޙިޔާލުތައް ބަލައިގަންނާށެވެ. ކަންތައްތައް ކަނޑައެޅުމުގައި ކުއްޖާ ބައިވެރި ކުރާނަމަ ކުއްޖާއަށް އެކަމެއް ޤަބޫލުކުރަން ފަސޭހަވާނެ އެވެ. ގޭތެރޭގެ ބައެއް ޤަވާއިދުތައް ހެދުމުގައި ކުއްޖާ ބައިވެރިކުރާ ނަމަ އެ ޤަވާއިދުތަކާ އެއްގޮތަށް ކަންތައް ކުރުމަށް ކުއްޖާ ސަމާލުކަން ދޭލެއް އިތުރުވާނެއެވެ.

7. ބައެއް ކަންތައްތަކަށް ބަދަލުގެންނަން ޖެހިދާނެކަން ވިސްނާށެވެ.

ތިމާ އެދޭ ގޮތްނޫން އެހެން ގޮތަކަށް ކުއްޖާ ކަންތައް ކުރަމުންދާނަމަ އެގޮތައް ކަންތައް ވަނީ ކީއްވެގެންކަން ވިސްނާލާށެވެ. ކުއްޖާ ވަށައިގެންވާ މާޙައުލުގެ އަސަރު ކުއްޖާގެ އުޅުމަށް ކުރާނެ އެވެ.

މާޙައުލަށް ގެންނަ ބަދަލުން ކުއްޖާގެ އުޅުމަށް ބަދަލު ގެނެވޭނެއެވެ. މިސާލަކަށް، ދެއަހަރަށް ދާ ކުއްޖަކަށް މާގިނައިން ނޫނެކޭ ބުނަންޖެހޭ ނަމަ އޭނާ އުޅޭ ތަނުގައި ވާތަކެތި، ނޫނެކޭ ބުނަން ނުޖެހޭފަދަ ގޮތަކަށް އެތުރިދާނެ އެވެ. އޭނާއަށް އަތްލުމުގެ ހުއްދަ ނެތް އެއްޗެހި އަތްނުފޯރާ ހިސާބަކަށް ލާ ފޮރުވިދާނެއެވެ. މިފަދައިން ކަންތައްތައް ކުރުމުން ކުއްޖާއަށާއި ބެލެނިވެރިޔާއަށް ލިބޭ މާޔޫސްކަން ކުޑަވެއެވެ.

8. ކޮންމެ ޙާލަތެއްގައި ވެސް ލޯބިވާކަމަށް ވިސްނައިދޭށެވެ.

ބެލެނިވެރިޔެއްގެ ހައިސިއްޔަތުން ކުއްޖާއަށް ހެޔޮނުބައި ވިސްނައިދީ ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމަކީ ތިމާގެ ޒިންމާއެކެވެ. ރަނގަޅުގޮތް ދަސްކޮށްދިނުމަށް ތިމާ ކުރާ މަސައްކަތް ކުއްޖާ ބަލައިގަންނަސް ބަލައިގަތުން ބިނާވެގެންވަނީ ކުއްޖާއަށް ވިސްނައިދިނުމަށް ތިމާ ޙިޔާރުކުރާ ގޮތެއްގެ މައްޗަށެވެ. ތުހުމަތު ކުރުމާއި ގޮތްދެއްކުން އަދި ނުރަނގަޅު ގޮތުގައި ފާޑު ކިޔުމަކީ ކުއްޖާ އޭނާގެ އަމިއްލަ ނަފްސަށް ކުރާ ޤަދަރު ކުޑަކުރުވާނެ ކަންތަކެވެ. ކުއްޖާ ނަފުރަތު ކުރާނެ ކަންތަކެވެ. ވީމާ ކުއްޖާއަށް މަގު ދެއްކުމުގައި މިފަދަ ކަންތައްތައް ނުކޮށް ވޭތޯބަލަން ވާނެއެވެ. ރަނގަޅު ކަންތައް ކުރުމަށް ހިތްވަރު ދޭންވާނެއެވެ. ކަންތައްތައް ރަނގަޅު ވާނެ ކަމަށް ތިމާ އުންމީދު ކުރާކަން އަންގަން ވާނެއެވެ. އަދި ކޮންމެ ޙާލަތެއްގައިވެސް ކުއްޖާދެކެ ލޯބިވާކަން އަންގަންވާނެއެވެ.

9. ބެލެނިވެރިއަކަށް ވުމުގައިވެސް ޙައްދުތަކެއް ވާކަން ދަންނާށެވެ.

ތިމާ އަކީ އެންމެ ފުރިހަމަ ބެލެނިވެރިޔާއަށް ވުމީ ނާދިރު ކަމެކެވެ. ތިމާގެ ކިބައިގައިވާ ރަނގަޅު ސިފަތައް ފާހަގަ ކުރާށެވެ. އަދި ނުރަނގަޅު ކަންތައްތައް ރަނގަޅު ކުރުމަށް މަސައްކަތް ކުރާށެވެ. ކުއްޖާގެ ފަރާތުން ތިމާ އުއްމީދުކުރާ ކަންތައްތަކަކީ ވެދާނެ ކަންތައްތައްތޯ ވިސްނާލާށެވެ. އަދި ތިމާގެ ބައިވެރިޔާގެ ފަރާތުން އުއްމީދު ކުރެވޭ ކަންތައްތަކަކީވެސް ވެދާނެ ކަންތައްތައްތޯ ވިސްނާލާށެވެ. ތިމާއަށް ހުރިހާކަމެއް ނުއެނގިދާނެކަން ހަނދާން ކުރާށެވެ.

އަމިއްލަ ނަފްސަށް މަޢާފު ކުރާށެއެވެ. ހުރިހާ ކަމެއް އެއްފަހަރާ ކުރުމުގެ ބަދަލުގައި މުހިންމު ކަންތައްތަކަށް ސަމާލުކަން ދޭށެވެ. އަމިއްލަ ޞިއްޙަތަށް ސަމާލުކަން ދޭށެވެ. ދޭތެރެ ދޭތެރެއިން ތިމާ ކުރާހިތްވާ ކަމެއް ކުރުމަށް ވަގުތު ހޯދާށެވެ.

އަމިއްލަ ނަފްސަށް ސަމާލުކަން ދިނުމުގެ ސިފަ ދަރިފުޅުގެ ކިބައިގައި އަށަގަންނުވަން ބޭނުންނަމަ ތިމާގެ ކިބައިގައިވެސް އެސިފަ އަށަގަންނުވާށެވެ.

ނޯޓް: މިއީ ޚަދީޖާ އިސްމާޢީލްގެ ލިޔުމެކެވެ.