Last Updated: June 8, 21:45
Monday, June 8, 2026
ދުނިޔެ

އިންޑިއާގައި ވޯޓުން ވައްކަން ކުރުން އާންމުވެއްޖެ

އިންޑިއާގައި މި ފަހުން ބާއްވާ އިންތިހާބުތަކުގައި ވެރިކަން ކުރާ ޕާޓީ، ބީޖޭޕީ އަށް ކާމިޔާބުވާ ގޮތަށް އިލެކްޝަން ކޮމިޝަން އޮފް އިންޑިއާ (އީސީއައި) އިން ވޯޓުން ވައްކަންކޮށްފައިވާ ކަމަށާއި ކަންކަން އިންތިޒާމުވެފައި ހުރީ ވެސް އެކަމަށް މަގުފަހިވާ ގޮތަށް ކަމަށް އެންމެ ބޮޑު އިދިކޮޅު ޕާޓީ، ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީ ތުހުމަތު ކުރައްވައިފި އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނަ ވިދާޅުވީ އިންޑިއާގެ ކޮމިޝަންގެ މިހާރުގެ މެންބަރުންނަށް އިތުބާރު ނުކުރެވޭ ކަމަށާއި އެ މީހުންނަކލީ ވޯޓުން ވައްކަން ކުރަން މަގުފަހިކޮށްދީ، ޑިމޮކްރަސީ މަރައިލަން ކުރަމުންދާ ބައެއް ކަމަށެވެ. އަދި މިކަމުގައިި އެންމެ އިސްކޮށް ހުންނެވީ ކޮމިޝަންގެ ގަނޭޝް ކުމާރު ކަމަށް ވެސް ރާހުލް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ބީޖޭޕީ އަށް އިންތިހާބުތަކުން ކުރި ހޯދައި ދޭން ކޮމިޝަނުން މަސައްކަތްކުރާ ކަމަށެވެ. އެގޮތުން ވަކިވަކި މީހުން ފާހަގަކޮށް އިލެކްޓޯރަލް އަށް ބައެއް މީހުންގެ ނަންތައް އިތުރުކޮށް ބައެއް ނަންތައް އުނިކުރާ ކަމަށް ތުހުމަތު ކުރެއްވި އެވެ.

"މި ވާހަކަ މި ދައްކަނީ ސަތޭކަ ޕަސެންޓާ ހެއްކާ ވެސް އެކު. ކޮމިޝަނަށް މިހާތަނަށް ހުށަހެޅި ޝަކުވާއަކަށް އެކަށީގެންވާ އިޖާބައެއް ވެސް ދީފައެއް ނެތް،" ރާހުލް ވިދާޅުވި އެވެ. "އަދި އެއްވެސް ކަންބޮޑުވުމެއް ހައްލު ކުރަން ފިޔަވަޅެއް ވެސް އަޅައިފައެއް ނެތް."

އޭނަގެ ވާހަކަތަކާ ގުޅިގެން އީސީއައި އިން ބުނީ ރާހުލް ދެއްކެވީ އަސާސެއް ނެތް، ދޮގު ވާހަކަތަކެއް ކަމަށެވެ.

ބީޖޭޕީން ވެސް ވަނީ ރާހުލްގެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ.