Last Updated: July 7, 03:23
Tuesday, July 7, 2026
ޚަބަރު

އާ ގާނޫނަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއް

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރެއްވި މީޑިއާ ބިލަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ދިން ހަމަލާއެއް ކަމަށް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ބުނެފި އެވެ.

ސީޕީޖޭ އިން އޭޝިއާ-ޕެސިފިކަށް ކަނޑައަޅާފައިވާ ރީޖަނަލް ޑިރެކްޓަރު، ބެހް ލީޔީ ވިދާޅުވީ މިއީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޑިމޮކްރެސީއަށް ދިން ހަމަލާއެއް ކަމަށެވެ. އަދި މި ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވުމުން ނޫސްވެރިކަން ސަރުކާރުގެ ކޮންޓްރޯލްގެ ދަށަށް ގެނެސް، މީޑިއާގެ މިނިވަންކަން ރައްކާތެރިކޮށްދޭން ވެވަޑައިގެންނެވި ވައުދާއި ވެސް އެމަނިކުފާނު ހިލާފުވެފައިވާ ކަމަށް ވިދާޅުވި އެވެ.

އެ ގާނޫނަށް އުވާލައި ނޫސްވެރިކަމުގެ މިނިވަންކަން ރާއްޖޭގައި ހިމާޔަތްކޮށްދިނުމަށް ރީޖަނަލް ޑިރެކްޓަރު ވަނީ ރައީސް މުއިއްޒަށް ގޮވާލާފައިވެ އެވެ.

ރައީސް މުއިއްޒު އެ ބިލު މިއަދު ތަސްދީގުކުރައްވާފައިވަނީ އެ ބިލު ތަސްދީގުނުކުރަން ބޭރުގެ ބައެއް ޖަމިއްޔާތަކުން ވެސް ގޮވާލަމުންދިޔަ ދަނޑިވަޅެއްގަ އެވެ.

އެ ބިލު ތަސްދީގުކުރުމުން ރާއްޖޭގެ ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ވަނީ އެ ބިލަކީ ގާނޫނުއަސާސީއާ ޚިލާފު ބިލެއް ކަމަށާއި ނޫސްވެރިންނަށް ބިރެއް ނުދެއްކޭނެ ކަމަށް ބުނެފަ އެވެ.

މިއީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ދެވުނު ހަމަލާއެއް ކަމަށެވެ. އަދި ވެރިކަން ހިންގާ ބާރައި ރައްޔިތުންގެ މަޖިލީހުން ރާއްޖޭގައި އޮތް މީޑިއާގެ ކޮންޓްރޯލް ނެގުމަށް ކުރާ މަސައްކަތްތައް އެމްޖޭއޭއިން ވަނީ ކުށްވެރިކޮށްފަ އެވެ.

މީގެއިތުރުން ހުރިހާ ގޮތަކުން އެ ގާނޫނާ ޗެލެންޖު ކުރުމަށް ނޫސްވެރިންނާއި މަދަނީ ޖަމިއްޔާތަކާ މަޝްވަރާ ކުރަމުންދާ ކަމަށް އެމްޖޭއިން ވަނީ ބުނެފަ އެވެ.