Last Updated: July 7, 03:23
Monday, July 6, 2026
ޚަބަރު

ގާޒާއަށް އެއްގަމުން ދޭ ހަމަލާތައް ވަރުގަދަކުރުން ކުށްވެރިކޮށްފި

އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް އެއްގަމުމަގުން ދޭ ހަމަލާތައް އިތުރަށް ވަރުގަދަކޮށްފައިވާތީ، ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށްފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުގެ މިފަދަ އަމަލުތަކުގެ ސަބަބުން ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ އިތުރަށް ހޫނުވެ، މިހާރުވެސް ޣައްޒާއަށް ކުރިމަތިވެފައިވާ އިންސާނީ ކާރިސާ އިތުރަށް ގޯސްވާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

އިސްރާއީލުން ކެނޑިނޭޅި ޣައްޒާގެ ކުށެއް ނެތް އާއްމު ރައްޔިތުންނަށް ކުރިމަތިކުރުވާ ދަތިތަކާއި، ތަޙައްމަލުކުރަމުންދާ ވޭންދެނިވި އަނިޔާ އިތުރަށް ފުޅާވިޔަނުދީ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމައުން އިސްރާއީލަށް މަޖުބޫރު ކުރުމަށާއި، ޤައުމުތަކުން އެކުވެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ ގޮވާލާފަ އެވެ.

އަދި އިސްރާއީލު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތެއް ކުރުމަށާއި ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ އަސާސީ އުސޫލުތަކާ ޚިލާފަށް އަދި އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ކެނޑިނޭޅި ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކަކީ އަޅާނުލާ ދޫކޮށްލެވިގެންވާނެފަދަ އަމަލުތަކެއް ނޫން ކަމަށް ކަމަށްވެސް އެ ބަޔާނުގައިވެ އެވެ.

ފަލަސްތީނުގެ ރައްޔިތުން މިނިވަން، މުސްތަޤިއްލު ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން އަބަދުވެސް ތާއީދުކުރާނެކަން ފާހަގަކުރަމުން ބަޔާނުައި ވަނީ މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި އަދި ޢަދުލުވެރި، ޞުލްޙަވެރި ޙައްލެއް ލިބޭނީ 1967 ގެ ކުރީގެ ސަރަޙައްދުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި މުސްތަޤިއްލު ފަލަސްޠީނު ދައުލަތެއް ޤާއިމްކުރެވިގެން ކަމަށް ބުނެފަ އެވެ.