އިނގިރޭސިވިލާތަށް ދިވެހި ކަނޑުމަސް އެކްސްޕޯޓު ކުރުން މަގުފަހިކުރަން މަޝްވަރާކޮށްފި އެވެ.
މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ޔޫކޭގެ ހައި ކޮމިޝަނަރު ނިކޮލަސް ޑޭވިޑް ލޯ އާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ބޭއްވި ބައްދަލުވުމެއްގަ އެވެ.
މި ބައްދަލުވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވެ އެވެ.
މި މަޝްވަރާގެ ތެރޭގައި، ޔޫކޭގެ ހައި ކޮމިޝަނަރު ވަނީ އެގައުމުގެ ސަރުކާރުން އިސްކަންދޭ ކަންތައްތައް ފާހަގަކުރައްވާފަ އެވެ. އެގޮތުން، ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިވުމަށް ސްޓްރެޓެޖިކް ބައިވެރިއެއްގެ ގޮތުގައި ވުމަށް ޔޫކޭއިން ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ. އަދި މިކަމާ ގުޅިގެން މިހާރު ޤާއިމްކޮށްފައިވާ ވޯކިން ގްރޫޕުގެ މުހިންމުކަން ވެސް ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގައި ދެފަރާތުން އެކުގައި މަސައްކަތްކުރެވިދާނެ މައިގަނޑު ދާއިރާތަކާ ބެހޭގޮތުންވެސް މަޝްވަރާތަކެއް ކުރައްވާފައިވެ އެވެ. އޭގަތެރޭގައި ފްރީޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ގެ ފުރުޞަތުތައް ހޯދުން، ސްކޮލާޝިޕްގެ ފުރުޞަތުތައް އިތުރުކުރުން، ޔޫކޭއަށް ދިވެހި ކަނޑުމަސް އެކްސްޕޯޓްކުރުމަށް މަގުފަހިކުރުން، ކުރިއަށް އޮތް އޯޝަން ކްލައިމެޓް ޕާޓްނާޝިޕް ޕްރޮގްރާމް (އޯސީޕީޕީ) ވޯކްޝޮޕް، އަދި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޕްރޮގްރާމްތައް ހިމެނެ އެވެ.
މި މަޝްވަރާތަކުން ރާއްޖެއާއި ޔޫކޭއާ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެ، ކުރިއަށް އޮތްތަނުގައި ގިނަ ދާއިރާތަކަކުން ގުޅުން އިތުރަށް ބަދަހިވެގެންދާނެ އެވެ.