Last Updated: July 7, 03:23
Monday, July 6, 2026
ޚަބަރު

ބޭސް ކުންފުނީގެ ބޯޑަށް އިތުރު ދެ ބޭފުޅަކު އައްޔަންކޮށްފި

ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ސަރުކާރުން އުފެއްދި ކުންފުނީގެ ބޯޑަށް އިތުރު ދެ ބޭފުޅަކު އައްޔަންކޮށްފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އެ ބޯޑަށް މިއަދު އައްޔަން ކުރެއްވީ އަހްމަދު އަޒްޔާން ހަމީދާއި، އާދަމް ބަދުރުﷲ އެވެ.

އެ ބޯޑަށް މީގެ ކުރިން ވަނީ މެނޭޖިން ޑިރެކްޓަރު ހިމެނޭހެން ތިން މެންބަރަކު އައްޔަންކޮށްފަ އެވެ.

އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމަށް ޑރ. ޝާހް މާހިރު އަދި ބޯޑު މެންބަރު ކަމަށް އައްޔަންކޮށްފައިވަނީ އައިޝަތު މުހައްމަދު އަދި ޝިބާނާ އަބްދުﷲ ދީދީ އެވެ.

ރާއްޖެ އަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ހާއްސަ ކުންފުންޏެއް ސަރުކާރުން އުފެއްދީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ރައީސް އޮފީހުން ބުނީ މިއީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްއާއި، މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކޮށް، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކުރުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ.

މި ކުންފުންޏަކީ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ހިއްސާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެކެވެ.