Last Updated: July 7, 03:23
Monday, July 6, 2026
ޚަބަރު

ކޮރަޕްޝަންގެ ވާހަކަ ދައްކާނަން، އެއީ އަބުރަށް އަރައިގަތުމެއް ނޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: ސަން

އިސްވެރިންގެ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ ދައްކާނެ ކަމަށާއި އެއީ އަބުރަށް އަރައިގަތުމެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ މީޑިއާ ބިލު ތަސްދީގުކުރައްވާފަ އެވެ. އަދި އެ ގާނޫނުގެ ދަށުން ރައީސް މުއިއްޒު ރޭ ވަނީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި ދައުލަތުގެ އޮފީހެއް އުފައްދަވައިފަ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ މީހުންގެ އަބުރު ރައްކާތެރި ކުރުމާ ބެހޭގޮތުން އެއްވެސް މައްސަލައެއް ނެތް ކަމަށާއި ނަމަވެސް މީހުންގެ ކަންކަމާ ހަވާލުވެ ތިބި އިސްވެރިން ކުރާ ވައްކަމާއި ކޮރަޕްޝަންގެ ވާހަކަ ދައްކާނެ ކަމަށެވެ.

"އެއީ މާތްﷲ އެމީހުންނަށް ދެއްވާފައި އޮތް އަބުރަށް އަރައިގަތުމެއް ނޫން. އެއީ އެމީހުންނަކީ ރައްޔިތުންގެ ކަންތައްތަކެއް މާތްﷲ ގަންދީ ހުވާކޮށްގެން ކަންކަމާ ހަވާލުވެ ތިބި މީހުން. އެމީހުން މަގުން ކައްސާލައިގެންދާ ކަމަށްވާނަމަ އިލްމުވެރިން އެކަންޏެއް ނޫން އެކަމަށް އެމީހުންނަށް މަގު ދައްކާނީ. ސިޔާސީ ތަންދޮރު އެހެން މީހުންވެސް އެ ވާހަކަ ދައްކާނެ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު އަކީ ވަޑިއެއް ކަމަށާއި އެގޮތުން ވަޑާންކޮށްލައިގެން 28 މިލިއަން ރުފިޔާއަށް ބިމެއް ގަތުމުން އެ ވާހަކަ ނުދެއްކެންވީ ސަބަބެއް ނެތް ކަމަށެވެ. އަދި މިފަދަ ކަންކަމުގައި މަޖިލިސް މެމްބަރުންގެ އަބުރު ރައްކާތެރި ކުރުމަކީ އެ މެމްބަރުންގެ އަމިއްލަ ކަމެއް ކަމަށާއި ނަމަވެސް މެމްބަރުން ކުރައްވާ މިފަދަ މުއާމަލާތްތަކުގެ ވާހަކަ ދެއްކެންޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އެއީ އަބުރާ ބެހުމެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން މިފަދަ ގާނޫނަކުން ކުރަން އުޅޭ ކަމަކީ ކޮރަޕްޝަނާއި ވައްކަމުގެ ވާހަކަ ދައްކާތީ އަނގަމަތީ މަލަން އަޅަން ކަމަށާއި ނަމަވެސް ވައްކަން ކޮށްފިނަމަ ވައްކަން ކުރި ވާހަކަ ބުނެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ.