ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި މެންޗެސްޓާ ސިޓީ މޮޅުވެއްޖެ އެވެ.
ބާސާ ރޭ މޮޅުވީ ނިއުކާސަލް ޔުނައިޓެޑާއި ބައްދަލުކޮށް 2-1 އިންނެވެ.
ނިއުކާސަލްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ގޯލެއް ފެނިގެން ގޮސްފައި ނުވާއިރު، މި މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 58 ވަނަ މިނެޓްގައި ބާސާއަށް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އެވެ. މިއީ ޖޫލްސް ކޫންޑޭ ނިއުކާސަލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ފޮނުވާލައިގެން ރަޝްފޯޑް ކާމިޔާބުކުރި ގޯލެކެވެ.
އަދި މެޗުގެ 67 ވަނަ މިނެޓްގައި ބާސާގެ ދެވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ރަޝްފޯޑް އެވެ. މި ގޯލު އޭނާ ކާމިޔާބުކުރީ ނިއުކާސަލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ބާރު ހަމަލާއަކުންނެވެ. ނިއުކާސަލްގެ ހަމައެކަނި ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެންތޮނީ ގޯޑަން އެވެ.
އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ މޮޅުވީ އިޓަލީގެ ނަޕޯލީގެ މައްޗަށް 2-0 އިން ހޯދައިގެންނެވެ. މެޗުގެ 21 ވަނަ މިނެޓްގައި ނަޕޯލީގެ ޑި ލޮރެންޒޯ އަށް ދެއްކި ރަތްކާޑާއެކު އެޓީމުން މެޗުގެ ބޮޑުބައި ފުރިހަމަ ކުރީ 10 ކުޅުންތެރިންނާއެކު އެވެ. އޭނާއަށް ރަތްކާޑު ދެއްކީ ސިޓީގެ ފޯވާޑް އާލިން ހާލަންޑަށް ކުރި ފައުލަކާ ގުޅިގެންނެވެ.
މި މެޗުގައި ސިޓީގެ ފުރަތަމަ ގޯލު މެޗުގެ 56 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ. މިއީ ހާލަންޑް ޗެމްޕިއަންސް ލީގުގައި ކާމިޔާބުކުރި 50 ވަނަ ގޯލެވެ. ސިޓީގެ ދެވަނަ ގޯލު މެޗުގެ 65 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ޖެރެމީ ޑޮކޫ އެވެ.