އަފްގާނިސްތާންގެ ޔުނިވަސިޓީތަކުގެ ތައުލީމީ ނިޒާމުގެ ތެރޭގައި ކިޔަވައި ދޭން އަންހެނުން ލިޔެފައިވާ ފޮތްތައް ބޭނުން ކުރުން މަނާކޮށްފި އެވެ.
ހަރުކަށި ތާލިބާން ސަރުކާރުން ނެރުނު ގަރާރެއްގައި ވަނީ އަންހެން ލިޔުންތެރިންގެ 140 ފޮތެއް ޔުނިވަސިޓީތަކުގައި ބޭނުން ކުރުން މަނާކުރުމުގެ އިތުރަށް އިސްލާމީ ޝަރިއަތާ ފުށޫއަރާ ކަމަށް ބުނެ 680 ފޮތެއް ވެސް ޔުނިވަސިޓީތަކުގައި ބޭނުން ކުރުން މަނާކޮށްފައިވެ އެވެ.
އޭގެ ތެރޭގައި އިންސާނީ ހައްގުތަކާއި ޖިންސީ ފުރައްސާރަތަކާ ބެހޭ ގޮތުން ލިޔެފައިވާ ފޮތްތައް ހިމެނެ އެވެ.
މީގެ އިތުރުން ޔުނިވަސިޓީތަކުގައި 18 މާއްދާއެއް ކިޔަވައި ދިނުން ވެސް މަނާކޮށްފައިވެ އެވެ.
ދެހާސް ބާވީހުގައި ތާލިބާނުން ވެރިކަމަށް އައި ފަހުން އަފްގާނިސްތާންގެ އަންހެނުންނާއި އަންހެން ކުދިންގެ އެތައް ހައްގެއް ނިގުޅައިގެންފައިވެ އެވެ. އޭގެ ތެރޭގައި އަންހެނުންނާއި އަންހެން ކުދިން ތައުލީމު ހާސިލު ކުރުމާއި ވަޒީފާ އަދާކުރުމާއި އަމިއްލަ ވިޔަފާރިތައް ހިންގުން ފަދަ އެތައް ކަމަކުން އަންހެނުން މަހުރޫމުކޮށްފައިވެ އެވެ.