މީޑިއާ ކޮންޓްރޯލް ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ އިންތިހާބު ބޮއިކޮޓް ކުރުމަށް ނޫސްވެރިންގެ ޖަމިއްޔާ (އެމްޖޭއޭ)އިން ނިންމައިފި އެވެ.
ގިނަ ނޫސްވެރިންތަކެއްގެ ކަންބޮޑުވުން އޮތް މީޑިއާ ކޮންޓްރޯލް ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވަނީ ތަސްދީގު ކުރައްވާފަ އެވެ. އެއާއެކު އެ ބިލު ގާނޫނަކަށް ބަދަލުވެ، އިއްޔެއިން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ.
ރައީސް އެ ބިލު ތަސްދީގު ކުރެއްވުމާ ގުޅިގެން އެމްޖޭއޭއިން ރޭ ވަނީ ނޫސްވެރިންނާއެކު ކުއްލި ބައްދަލުވުމެއް ބާއްވައި ބައެއް ނިންމުންތައް ނިންމައިފަ އެވެ. އެގޮތުން ނޫސްތައް ރެގިއުލޭޓުކުރަން ނޫސްވެރިންގެ އަމިއްލަ ނިޒާމެއް ގާއިމުކުރުމަށް ނިންމައި، އެކަމާ ގުޅޭ އިދާރީ މަސައްކަތްތައް ކުރަން ފަސް މެންބަރުންގެ ކޮމިޓީއެއް ވަނީ ނަގައިފަ އެވެ.
އަދި އެ ގާނޫނުގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށުމާއި، ގާނޫނުގެ ދަށުން އުފައްދާފައިވާ ކޮމިޝަނުގެ އިންތިހާބު ބޮއިކޮޓް ކުރަން ބާރު އެޅުމަށް ވެސް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން ބިލު ފާސްކުރި ދުވަހު ނޫސްވެރިންނަށް ފުލުހުން ކުރި އަނިޔާތަކުގެ މައްސަލަ ފުލުހުންނާ ގުޅުން ހުރި އިދާރާތަކަށް ހުށަހެޅުމަށް ވެސް އެމްޖޭއޭއިން ނިންމާފައިވެ އެވެ.
ޤާނޫނުގައިވާ ގޮތުގެ މަތީން ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން ހިންގުމާ ޙަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ ފަސް މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ޤާނޫނާއެކު މޯލްޑިވްސް މީޑިއާ ކައުންސިލާއި، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ވަނީ އުވިފަ އެވެ.