ވ. ފުލިދޫން ބިން ހިއްކަން ރައްޔިތުން އެދޭނަމަ 12 ހެކްޓަރުގެ ބިން ހިއްކާދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މިއަދު ހަވީރު ފުލިދުއަށް ވަޑައިގެން ރައްޔިތުންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ފުލިދޫން ގޯތި ދޫނުކުރާތާ 15 ވަރަކަށް އަހަރު ވެފައިވާ ކަމަށާއި އެގޮތުން ރަށުގެ ބަނދަރު މަސައްކަތާއި ގުޅިގެންދާ ގޮތަށް 12 ހެކްޓަރުގެ ބިން ހިއްކާދެއްވާނެ ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ފަށާނީ ފުލިދޫ ރައްޔިތުންގެ ޚިޔާލު ލިޔެކިޔުމުން ކައުންސިލަށް ހުށަހެޅުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުވީ ވައުދު ފުއްދަން އަޅުގަނޑު މިދެންނެވީ 12 ހެކްޓަރުގެ ބިން ހިއްކަދޭނަމޭ. އެހެންނަމަވެސް އަޅުގަނޑު ބޭނުމެއް ނޫން މި މަޝްރޫއުގައި ސޮއިކުރެވި ނޫނިއްޔާ އަމަލީ މަސައްކަތް ފެށޭ ހިސާބަށް ދާއިރުގައި، ދާދި މިދާކަށް ދުވަހު އެހެން ރަށެއްގައި ދިމާވި ކަހަލަ ގޮތަކަށް މަޝްރޫއު ކެންސަލް ކުރަން ޖެހި އެކަހަލަ ކަންތައްތަކެއް ވާކަށް،" ރައީސް ވިދާޅުވި އެވެ.
ފުލިދޫ އަކީ ލޯކަލް ޓޫރިޒަމަށް މަޝްހޫރު ރަށަކަށް ވެފައި ގޮނޑުދޮށުގެ މުހިންމުކަން އެނގިވަޑައިގަންނަވާ ކަމަށާއި އެހެންކަމުން ރައްޔިތުން މަޝްވަރާކޮށް ބިން ހިއްކުމާ ގުޅޭގޮތުން ރައްޔިތުން ބޭނުންވާ ގޮތް ވަރަށް އަވަހަށް އެނގިގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ރަށުގައި މިއަދު ވަނީ ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. އަދި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ވެސް އެ ރަށުގައި މިއަދު ވަނީ ފަށައިފަ އެވެ.
ފުލިދޫއަކީ އާބާދީގައި 500 އެއްހާ މީހުން އުޅޭ ރަށެކެވެ.