Last Updated: July 7, 03:23
Monday, July 6, 2026
ޚަބަރު

ރައީސަކީ ކަޑަޖަހަން ވަޑައިގަންނަވާ ބޭފުޅެއް ނޫން

ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ އިންތިހާބުތަކަށް ކަޑަޖަހަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއް ނޫން ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ޝިޔާމް މިހެން ވިދާޅުވީ އިންތިހާބެއްގެ ކެމްޕެއިނެއްގެ ބޭރުން ވ. ފުލިދު އަށް ވަޑައިގެންނެވި ފުރަތަމަ ރައީސަކަށް، ރައީސް މުއިއްޒު ވެވަޑައިގަތުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ މަލްޓި-ޕާޓީ ޑިމޮކްރަސީއެއްގައި، ރަށްރަށުގެ ތަރައްޤީއަށްޓަކައި ރައީސް މުއިއްޒު ކުރައްވަމުން ގެންދަވަނީ އިޚްލާސްތެރި މަސައްކަތްޕުޅުތަކެއް ކަމަށް މިއަދު އެމަނިކުފާނާ ސިޔާސީ ގޮތުން ޚިޔާލުތަފާތު ބޭފުޅުން ވެސް ގަބޫލުކުރައްވާ ކަމަށެވެ. ރައްޔިތުންނާ ގާތަށް ވަޑައިގެން ރައީސް ގެންދަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ސީދާ އެ ރައްޔިތުންގެ ކިބައިން އަހައި ސާފުކުރަމުން ކަމަށާއި އަދި އެކަންކަން ހަމަ އެ ރައްޔިތުން ބޭނުންވާ ގޮތަށް ފުރިހަމަކުރުމަށް ރައީސް އިޖާބަދެއްވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"ރާއްޖޭގައި މީގެކުރިން ވެރިކަން ކުރެއްވި ބޭފުޅުންނާ ޚިލާފަށް، ރައީސް ޑރ. މުޢިއްޒަކީ ހަމައެކަނި އިންތިޚާބުތަކަށް ކަޑަޖައްސަވަން ރަށްރަށަށް ވަޑައިގަންނަވާ ބޭފުޅެއް ނޫންކަން ވަރަށް ސާފު،" ޝިޔާމް ވިދާޅުވި އެވެ.

ފުލިދު އަށް ވަޑައިގެން ރައީސް ވަނީ ގިނަ ކަންތައްތަކެއް އެ ރަށަށް ކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެގޮތުން ރަށުގެ ރައްޔިތުން އެދޭނަމަ ރަށުގެ ބަނދަރު މަސައްކަތާއި ގުޅިގެންދާ ގޮތަށް 12 ހެކްޓަރުގެ ބިން ހިއްކައިދެއްވާނެ ކަމަށް ވިދާޅުވި އެވެ. އަދި އަންނަ އަހަރު އެ ރަށުގައި ޑޮލަރު އޭޓީއެމްއެއް ބަހައްޓައިދެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެ ރަށުގައި މިއަދު ވަނީ ސިއްހީ މަރުކަޒުގެ އައު އިމާރާތާއި ބަނދަރުގެ އަމަލީ މަސައްކަތް ފަށައިފަ އެވެ. އަދި ބީއެމްއެލް އޭޓީއެމްގެ ހިދުމަތް ވެސް އެ ރަށުގައި މިއަދު ވަނީ ފަށައިފަ އެވެ.

ފުލިދޫއަކީ އާބާދީގައި 500 އެއްހާ މީހުން އުޅޭ ރަށެކެވެ.