ބޭންކް އޮފް މޯލްޑިވްސްގެ "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން ވ. ފުލިދޫއާއި ތިނަދޫގައި އޭޓީއެމްގެ ޚިދުމަތް ތައާރަފްކޮށްފި އެވެ.
އޭޓީއެމް ޚިދުމަތް ތައާރަފްކުރުމަށް މިއަދު ދެރަށުގައި ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި ވަޒީރުންނާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، މިއަދު ތައާރަފުކުރި ދެ އޭޓީއެމްއާއެކު މިހާރު ވ. އަތޮޅުގެ ފުލިދޫ، ތިނަދޫ، ކެޔޮދޫގައި ސެލްފް ސަރވިސް ބޭންކިންގ ޚިދުމަތް ލިބެން ހުންނާނެ ކަމަށެވެ. އަދި ފެލިދޫގައި ގާއިމުކޮށްފައިވާ ބްރާންޗުންވެސް ބޭންކިންގ ޚިދުމަތް ލިބޭނެ ކަމަށާއި މާދަމާ ވ. ރަކީދޫގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކުރެވުމާއެކު ވ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ގާއިމުކޮށް، އަތޮޅުގެ ރައްޔިތުންނާ ވީހާވެސް ގާތުން އަސާސީ ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމުގެ ލަނޑުދަނޑި ހާސިލުކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 165 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 224 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.